އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދު 2 މިލިއަނަށް އިތުރުވެއްޖެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 62،170 މީހުންނަށްވަނީ ކޯވިޑް-19 ޖެހި، އެ ޤައުމުގައި ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުވަނީ 2،025،409އަށް އިތުރުވެފައެވެ. އެއާއެކު 2 މިލިއަން މީހުންނަށް ބަލިޖެހިފައިވާ ތިންވަނަ ޤައުމުގެ ގޮތުގައި އިންޑިޔާވަނީ ފާހަގަވެފައެވެ.
ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ އެމެރިކާއާއި ބުރެޒިލުގައިވެސް ދެ މިލިއަނަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އިންޑިޔާގައި ބަލި ޖެހިފައިވާ މީހުންގެ ޢަދަދު އެއް މިލިއަނުން ދެ މިލިއަނަށް އިތުރުވާން ނެގީ އެންމެ 20 ދުވަހެވެ. އެއީ ބަލި ޖެހުނު މީހުންގެ ޢަދަދު އެ މިންވަރަށް އިތުރުވުމަށް އެމެރިކާއާއި ބުރެޒިލުގައި ނެގި މުއްދަތަށްވުރެ ކުރު މުއްދަތެކެވެ.
ފާއިތުވި ދުވަސްތަކުގައި ކޯވިޑް-19އަށް ތަހުލީލުކުރާ މިންވަރުވަނީ އިންޑިޔާގައި ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ކޯވިޑް-19ގެ ސަބަބުން މަރުވެފައިވަނީ 40،700 މީހުންނެވެ. ކޯވިޑް-19 ޖެހިގެން ދުނިޔޭގައި ފަސްވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އިންޑިޔާގައެވެ. އެހާ ބޮޑު އާބާދީއެއް އޮންނަ ޤައުމެއްގައި މަރުވާ މީހުންގެ ނިޞްބަތް ވަރަށް ދަށްކަމަށް ޞިއްޙީ މާހިރުންވަނީ ފާހަގަކޮށްފައެވެ.
އިންޑިޔާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޢަދަދަށްވުރެ ބަލީގައި މަރުވާ މީހުންގެ ނިޞްބަތް ދަށްވުމުގެ ސަބަބުން އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވަނީ ލުއިތަކެއް ދީފައެވެ. ނަމަވެސް ބައެއް ސްޓޭޓުތަކުގައި ދެވަނަ ފަހަރަށް ބަލި ފެތުރެން ފެށުމުން އެ ސަރަޙައްދުގައި އަޅާފައިވާ ފިޔަވަޅުތައްވަނީ ހަރުކަށިކޮށްފައެވެ.