ދުނިޔޭގެ ވިޔަފާރި

އިނގިރޭސިވިލާތުގެ އިޤްތިޞާދު ހަމައަކަށް އެޅެން ގިނަ ދުވަސްތަކެއް ނަގާނެ


ކޯވިޑްއާ ގުޅިގެން އިނގިރޭސިވިލާތުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ގިނަ ދުވަސްތަކެއް ނަގާނެކަމަށް އެޤައުމުގެ ސެންޓްރަލް ބެންކުން ހާމަކޮށްފިއެވެ.

ބެންކް އޮފް އިންގްލެންޑުން ބުނާގޮތުން އިނގިރޭސިވިލާތުގެ އިޤްތިޞާދު ހަމައަކަށް އެޅޭނެކަމަށް ކުރިން ލަފާކުރި މުއްދަތަށްވުރެ ގިނަ ދުވަސްތަކެއް އެކަމަށް ނަގާނެއެވެ. އަދި މިގޮތަށް ލަފާކުރެވެނީ ކޯވިޑްގެ ދެވަނަ ރާޅެއް ޔޫރަޕްގައި ނަގަމުންދިއުމާއި، ވަޒީފާ ނެތް މީހުންގެ އަދަދު އިތުރުވަމުންދާތީކަމަށް ބެންކް އޮފް އިންގްލެންޑުން ބުނެއެވެ.

އިނގިރޭސިވިލާތުގެ ސެންޓްރަލް ބެންކުން ލަފާކުރާ ގޮތުގައި އިނގިރޭސިވިލާތުގެ ޖީޑީޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަން މިއަހަރު 9.5 އިންސައްތަ އަޑި އަޅާލާނެއެވެ. މިއީ މިދިޔަ 99 އަހަރުތެރޭގައި މިހާ ދަށަށް އެޤައުމުގެ އިޤްތިޞާދު ދިޔަ ފުރަތަމަ ފަހަރެވެ. ސެންޓްރަލް ބެންކުން ކުރިން ލަފާކުރީ ޖީޑީޕީ 14 އިންސައްތަ ދަށަށް ދާނެކަމަށެވެ. އެގޮތަށް އެކަން ހިނގިނަމަ، އެއީ މިދިޔަ 300 އަހަރުތެރޭގައިވެސް ކުރިމަތިނުވާވަރުގެ ގެއްލުމަކަށްވާނެއެވެ.

އިނގިރޭސިވިލާތުގެ އިޤްތިޞާދު އަޑިއަޅާލާނެކަމަށް ކުރިން ލަފާކުރި މިންވަރަށް އަޑިއަޅާނުލިޔަސް، އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުން ކުރިއަށްދާނީ ވަރަށް ލަސް ދުވެއްޔެއްގައިކަމަށް އެޤައުމުގެ ސެންޓްރަލް ބެންކުން ބުނެއެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކޯވިޑްގެ ކުރިން އިނގިރޭސިވިލާތުގެ އިޤްތިޞާދު އޮތް ހާލަތަށް އަލުން ރުޖޫޢަވާނީ 2021 ވަނަ އަހަރު ނިމޭހާ ތާނގައެވެ.