ފޭސްބުކްގެ މުވައްޒަފުން އަންނަ އަހަރުގެ ޖުލައިމަހާ ހަމައަށް ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ފޭސްބުކްގެ މުވައްޒަފުން އަންނަ ޖުލައިމަހާ ހަމައަށް ގޭގައި ތިބެގެން މަސައްކަތްކުރުމަށް ހަމަޖައްސާފައިވާއިރު، ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކުން ދަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ކަންކަން އިންތިޒާމްކުރަމުންނެވެ.
ފޭސްބުކްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑްއާ ގުޅިގެން ސިއްހީ މާހިރުން ދެމުންދާ އިރުޝާދުގެ ދަށުންކަމަށެވެ. މީގެއިތުރުން ފޭސްބުކްގެ މެނޭޖްމަންޓުގައިވެސް މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ފޭސްބުކްއިން ބުނެއެވެ.
ފޭސްބުކްއިން ބުނާގޮތުން ގޭގައި މުވައްޒަފުން މަސައްކަތްކުރާއިރު، ގޭގައި މަސައްކަތްކުރުމަށް ބޭނުންވާ ތަކެތި ހޯދުމަށް 1000 ޑޮލަރުގެ އެލަވަންސްއެއް ދިނުމަށް ވަނީ ނިންމާފައެވެ.
ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ކަންކަން ހަމަޖައްސަމުންދާއިރު، ފޭސްބުކްގެ 50 އިންސައްތަ މުވައްޒަފުން ކުރިއަށްއޮތް 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް މަސައްކަތްކުރާނީ ގޭގައި ތިބެގެންކަމަށް ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ވަނީ ވިދާޅުވެފައެވެ.
ފޭސްބުކްގެ އިތުރުން ޓްވިޓަރގެ މުވައްޒަފުންވެސް ވަކި މުއްދަތެއް ނެތް ގޮތަށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި މަޝްހޫރު ޓެކް ކުންފުނި ގޫގުލްގެ މުވައްޒަފުންވެސް އަންނަ ޖޫންމަހުގެ ނިޔަލަށް ގޭގައި ތިބެގެން މަސައްކަތްކުރާގޮތަށް ވަނީ ހަމަޖައްސާފައެވެ.
އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް މުވައްޒަފުން ގޭގައި ތިބިގެން މަސައްކަތްކުރުމުގެ ފުރުޞަތު ގޫގުލްއިން ފަހިކޮށްދީފައިވާއިރު، ކުރިން އެކުންފުނިން ނިންމާފައި އޮތީ މިއަހަރު ނިމެންދެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ.
ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ އޮފީހުގައި ތިބެގެން ކޮންމެހެން މަސައްކަތްކުރަންޖެހޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުޞަތު އަންނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް އޮންނާނެކަމަށެވެ. ގޫގުލްގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓްކުރާ އެކުންފުނީގެ 42 އޮފީހެއް ވަނީ ކޯވިޑްއާ ގުޅިގެން ބަންދުކުރުމަށްފަހު އަލުން ހުޅުވާފައެވެ.