ދުނިޔޭގެ ވިޔަފާރި

ޓިކްޓޮކްއާއި ވީޗެޓް މަނާކުރުމުގެ އަމުރެއް ޓްރަމްޕް ނެރުއްވައިފި


45 ދުވަސްތެރޭގައި ޓިކްޓޮކްއާއި ވީޗެޓް އެމެރިކާގައި މަނާކުރުމާ ގުޅޭ ރިޔާސީ އަމުރެއް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުއްވައިފިއެވެ.

ޓިކްޓޮކްއާއި ވީޗެޓް މަނާކުރުމުގެ އަމުރެއް ޓްރަމްޕް ނެރުއްވާފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސްކުރިން އޭނާ ވަނީ ޓިކްޓޮކް މަނާކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ބުރާސްފަތިދުވަހު ނެރުނު ރިޔާސީ އަމުރުގައިވާ ގޮތުން ކުރިއަށް އޮތް 45 ދުވަހުގެ ތެރޭގައި ޓިކްޓޮކްއާއި ވީޗެޓްގެ އެމެރިކާގެ އޮޕަރޭޝަންތައް ހިންގާ ޗައިނާގެ ކުންފުނިތަކުގެ ހިއްސާ ބަދަލުނުކޮށްފިނަމަ، އެ އެޕްލިކޭޝަންތައް އެމެރިކާގައި ބޭނުންކުރުން މަނާވާނެއެވެ. އެގޮތުން ޓިކްޓޮކްގެ ބެލެނިވެރި ކުންފުނިކަމަށްވާ ޗައިނާގެ ބައިޓްޑާންސް އާއި ވީޗެޓްގެ ބެލެނިވެރި ކުންފުނި ޗައިނާގެ ޓެންސެންޓްއާއެކު ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގުން އެމެރިކާގައި މަނާވާނެއެވެ.

ޓިކްޓޮކްއާއި ވީޗެޓް މަނާކުރުމުގެ އަމުރެއް ޓްރަމްޕް ނެރުއްވާފައިވަނީ އޭނާއަށް ލިބިވަޑައިގަންނަވާ "އެމެޖެންސީ އިކޮނޮމިކް" ބާރުގެ ދަށުންނެވެ.

ޓްރަމްޕްގެ ނެރުއްވި އަމުރުގައިވާ ގޮތުން ވީޗެޓްއާއި ޓިކްޓޮކް އެމެރިކާގައި ދެން ބޭނުންކުރެވޭނީ އެޕްލިކޭޝަން ހިންގާ ޗައިނާގެ ކުންފުނިތަކުގެ ހިއްސާ، އެހެން ކުންފުނިތަކަށް ބަދަލުކުރުމުންނެވެ. އެހެންކަމުން ޓިކްޓޮކްއާއި ވީޗެޓްގެ ހިއްސާ ބަދަލުކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތައް އަވަސްކުރަން އެކަމުގައި ޝާމިލުވާ ފަރާތްތަކަށް މަޖުބޫރުވާނެއެވެ.

ޚަބަރުތައް ބުނާގޮތުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމަށް މަޝްހޫރު މައިކްރޯސޮފްޓުން ދަނީ ބައިޓްޑާންސްއާއެކު މަޝްވަރާކުރަމުންނެވެ. އަދި އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަމުގައި ގޮތެއް ނިންމުމަށް އެ މަޝްވަރާތަކުގައި ދަނީ ވާހަކަދައްކަމުންނެވެ.

އެމެރިކާގައި ޓިކްޓޮކްއާއި ޗައިނާގެ އެހެން ކުންފުނިތަކުގެ އެޕްލިކޭޝަންތައް މަނާކުރުމުގެ އެމެރިކާއިން ފަށާފައިވާއިރު، ޗައިނާއާއި އެމެރިކާއާ ދެމެދު ވިޔަފާރީގެ ހަނގުރާމައެއް ފަށައިގެން އުޅޭތާ ދުވަސްތަކެއްވެއްޖެއެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ އެޕްލިކޭޝަންތަކުން އެމެރިކާ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް، އެމަޢުލޫމާތު ޗައިނާގެ ސަލާމަތީ ޚިދުމަތްތަކަށް ދަނީ ފޯރުކޮށްދެމުންނެވެ. ނަމަވެސް ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާގޮތުގައި އެމެރިކާގެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް، ނުވަތަ ހެއްކެއްގެ މައްޗަށް ބިނާކޮށް ކުރާ ތުހުމަތުތަކެއް ނޫނެވެ.

އެމެރިކާގައި ޓިކްޓޮކް މަނާކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ޓިކްޓޮކް ބޭނުންކުރާ އެމެރިކާ ރައްޔިތުންގެ އަދަދު 100 މިލިއަނަށް އަރައެވެ.