ކުޅިވަރު

ރޯމާ އަތުން ލިބުނީ ހައްގު މޮޅެއް - ލޮޕެޓެގީ


ޔުއެފާ ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގައި ރޯމާ އަތުން ލިބުނީ ހައްގު މޮޅެއްކަމަށް ސެވިއްޔާގެ ކޯޗު ހޫލިއަން ލޮޕެޓެގީ ބުނެފިއެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ސެއްވިޔާއަށް ޖާގަ ހޯދައިދިނުމަށް ފަހު ލޮޕެޓެގީ ބުނީ އޭނާގެ ޓީމުން ކުރިހޯދީ ވަރަށް މޮޅު ޓީމެއްގައި ތިބި މޮޅެތި ކުޅުންތެރިންގެ މައްޗަށް ކަމަށެވެ. ލޮޕެޓެގީ ބުނީ މެޗުގައި އެންމެ ހިތްހަމަޖެހުނު ކަމަކީ ޕްރެޝަރުގައި ކުޅެން ނުޖެހުންކަމަށެވެ. މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާ ލަނޑު ޖަހަން ގިނަ ފުރުސަތު ތަނަވަސް ކުރުމަކީ އެނާ އެންމެ އުފާވިކަންތައް ކަމަށް ފަސް ފަހަރު ޔޫރޮޕާ ލީގުގެ ތަށި އުފުލާލި ޓީމުގެ ކޯޗު ބުންޏެވެ.

ލޮޕެޓެގީ ބުނީ މިހިސާބުން މުބާރާތުގައި ނުކުންނާނީ ކޮންމެ މެޗަކީ ވެސް ފައިނަލެއް ކަމުގައި ދެކިގެން ކަމަށެވެ. އެގޮތުން ހަތަރު ދުވަސް ފަހުން އަނެއްކާވެސް ނުކުންނާނީ ފައިނަލަކަށް ކަމަށް ކުރިން ރެއާލް މެޑްރިޑަށްވެސް ކޯޗުކޮއްދިން ލޮޕެޓެގީ ބުންޏެވެ. އޭނާ ބުނީ މިގޮތަށް މަސައްކަތް ކުރާ ކޮންމެ ޓީމެއްގެ ކުޅުންތެރިންނާ މަދު ވެސް އެޓީމުގައި ހުންނަ ކޯޗު ފަހުރުވެރި ވާނެކަމަށާއި ދަނޑު މަތީގައި ކުޅުންތެރިން ދެއްކި މޮޅުކުޅުމަށް އޭނާ ފަހުރުވެރިވާ ކަމަށެވެ.

ގަދައަށަކުން ސެއްވިޔާ ޖާގަ ހޯދީ ރޯމާގެ މައްޗަށް 2-0 ލަނޑު ކުރި ހޯދައިގެންނެވެ. ގަދައަށެއްގައި ސެވިއްޔާ ނުކުންނާނީ އަންނަ ހޯމަ ދުވަހު އިނގިރޭސި ކުލަބު ވުލްވޯސްއާ ދެކޮޅަށެވެ.

މިއީ މި މުބާރާތުގެ ކުއާޓާ ފައިނަލުން ސެވިއްޔާ ޖާގަ ހޯދި ހަތަރު ވަނަ ފަހަރެވެ. އެގޭތެރެއިން އެންމެފަހުން ފުރުސަތު ހޯދި ތިން ފަހަރު ވެސް ސެވިއްޔާ ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ. މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފައިވާ ސެވިއްޔާއިން އެންމެފަހުން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 2016 ވަނަ އަހަރުއެވެ.