ވިޔަފާރި

މަސް ޕްރޮސެސްކުރުމަށްފަހު އެކްސްޕޯޓް ކުރާނަމަ 5 ގުނަ ބޮޑު ފައިދާއެއް ލިބޭނެ


ރާއްޖޭގައި ބާނާ މަސް ރާއްޖޭގައި ޕްރޮސެސްކުރުމަށްފަހު އެކްސްޕޯޓުކުރާ ނަމަ މިހާރު ލިބޭ ފައިދާއަށްވުރެ 5 ގުނަ ބޮޑު ފައިދާއެއް ލިބޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޙަސަން ރަޝީދު ވިދާޅުވީ މިފްކޯގެ މަސް ކާރުޙާނާތަކުގެ ފެންވަރު ރަނގަޅުކޮށް ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.

ޙަސަން ރަޝީދު ވިދާޅުވީ ރާއްޖެއިން ރޯމަސް އެކްސްޕޯޓުކުރާ މިންވަރު މަދުކޮށް، މަސް ޕްރޮސެސްކުރުމަށްފަހު ނުވަތަ ވެލިއު އެޑް ކުރުމަށްފަހު ރާއްޖެއިން މަސް އެކްސްޕޯޓުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެންދާނެކަމަށް ޙަސަން ރަޝީދު ވިދާޅުވިއެވެ.

" ބެންކޮކަށް ރޯމަސް ބޭރު ކުރާ ނަމަ ނުލިބޭ ރަނގަޅު އަގެއް، މިހާރު ބެންކޮކުން ލިބެނީ 1400 ވަރަކަށް ޑޮލަރު ޓަނަކަށް، އެއީ ވަރަށް ކުޑަ އަގެއް، ދަޅަށް އަޅައިގެން ރާއްޖެއިން ބޭރުކުރާ ނަމަ ލިބޭ ފައިދާ މިއަށްވުރެ 5 ވަރަކަށް ގުނަ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ،" ޙަސަން ރަޝީދު ވިދާޅުވިއެވެ.

މަސްވެރިކަމުގެ ދާއިރާއިން ލިބޭ ނަފާ އިތުރުވެގެން ދިޔުމަކީ އާއްމުންގެ ގިނަ ބަޔަކަށް އެކަމުން ފައިދާވާނެ ކަމެއްކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޫއްޑޫގައި މަސް ރައްކާކުރުމުގެ ޤާބިލްކަން މިހާރު ހުރީ 2000 ޓަނުގައެވެ. އަދި މިފްކޯއިން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ސްޓޯރޭޖް ބޮޑު ކުރުމުގެ މަސައްކަތްތަކާއި އެކު ކޫއްޑޫގައި މަސް ރައްކާކުރެވޭ މިންވަރު 6000 ޓަނަށް އިތުރުވެގެންދާނެއެވެ.

ފެލިވަރުގައި މިހާރު މަސްވެރިންގެ އަތުން މަސްގަތުމުގެ ޤާބިލްކަން ހުރީ ދުވާލަކަށް 50 ޓަނެވެ. ފެލިވަރު 240 ޓަނާއި ހަމައަށް ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.