ޚަބަރު

މޫސުމަށް ސަމާލުވޭ، ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވޭ


މިއަދު ދިޔަވަރުބޮޑުވާ ގަޑިތަކުގައި ދެކުނުގެ ރަށްތަކަށް އުދައެރުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވީ ދެކުނުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ މިއަދު 15:51 ހާއިރު ކަމަށެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިނުގައި 2 ފޫޓާއި 3 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. ރާޢްޖޭގެ އެހެން ހިސާބުތަކުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިނުގައި 3 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް އުދައިގެ އަސަރު ކުރާނެ ކަމަށް ނުބެލެވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

އެ އިދާރާއިން ވިދާޅުވި މިއަދު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަކަށްވެސް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު އެވަރެޖްކޮށް ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ 5 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ނަމަވެސް ވިލާގަނޑުގައި 45މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.

ދެކުނުުގެ ކަނޑުތަށް އާދައިގެވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭއިރު ރާއްޖޭގެ އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. ޚާއްސަކޮށް ކަނޑުތަކުން ދަތުރުކުރާ ފަރާތްތަކުން، ޚާއްސަ ސަމާލްކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.