ޚަބަރު

ނާވައިދޫން 68 އަހަރުގެ ދިވެއްސެއް ޕޮޒިޓިވްވެއްޖެ


ހދ. ނާވައިދޫ ހޯމް ކަރަންޓީނުގައި ހުރި ދިވެއްސަކު ކޯވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ނަވައިދޫން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 68 އަހަރުގެ މީހެއްކަމަށެވެ. އަދި މިމިހާ ބައްޔަށް ޕޮޒިޓިވްކަން އެނގުނީ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ދޫކޮށްލުމަށް ނެގި ސާމްޕަލް ޓެސްޓުންނެވެ.

ކޯވިޑް ރާއްޖޭގެ އެކި ސަރަހައްދުގައި ފެތުރެން ފަށާފައިވާއިރު މި ބަލީގެ މީހުން ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުރުމަށްފަހު މިއަދު ވަނީ ކުޑަކޮށް ތިރިވެފައެވެ. މިއަދު މި ބައްޔަށް 86 މީހުން ޕޮޒިޓިވްވެފައިވާއިރު މީގެތެރެއިން 56 މީހުންނަކީ ދިވެހިންނެވެ. މި ބަލީގައި 1936 މީހުންނަށް ފަރުވާދެމުން އަންނައިރު 128 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

މާލޭގެ އިތުރުން އަތޮޅުތެެރޭ ބައެއް ރަށްތަކުން މި ބަލީގެ މީހުން ފެންނަމުން އަންނާތީ ކޯވިޑްގެ ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި އާއްމުންގެ ތެރެއަށް ނުކުންނައިރު މާސްކު އެޅުންވަނީ މަޖްބޫރުކޮށްފައެވެ.