ޚަބަރު

މާލެއާއި ވިލިމާލޭގައި ކުނި ނައްތާލުމަށްޓަކައި ޖަމާކުރާނެ ތަނެއް ހަދައިދޭނެ ބަޔަކު ހޯދަނީ


މާލެއާއި ވިލިމާލޭގައި ކުނި ނައްތާލުމަށްޓަކައި ޖަމާކުރާނެ ތަނެއް ހަދައި އެތަނަށް ބޭނުންވާ ސާމާނު ފޯރުކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ، މި މަސައްކަތަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީގެ ހިލޭ އެހީގައި ހިންގާ "ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ. އަދި މިއީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ބީ އުސޫލުގެ ދަށުން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަމަށް ހުޅުވާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މަޝްރޫއެއްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއަަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ފިނޭންސް މިނިސްޓްރީން ވަނީ މިމަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

ބިޑަށް ހުޅުވާލާފައިވަނީ މާލެއާއި ވިލިމާލޭގައި ރަށުތެރޭން އެއްކުރާ ކުނިތައް ނައްތާލުމަށްޓަކައި ޖަމާކުރާނެ ތަންތަން ނުވަތަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް ހެދުމާއި، އެތަނަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ އެތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

މި މަޝްރޫޢުގެ ބީލަމުގައި ބައިވެރިވެވޭނީ ފާއިތުވި 3 އަހަރު ކުންފުނީގެ މާލީ ތަނަވަސްކަމުގެ ގޮތުގައި އެވްރޭޖްކޮށް 9.1 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވުމާއި، ފާއިތުވި 5 އަހަރުގެ ތެރޭގައި މި ބާވަތުގައި މަސައްކަތެއްކޮށްފައިވުމުގެ އިތުރުން މަސައްކަތުގެ އަގު މަދުވެގެން 9.7 މިލިއަން އެމެރިކާ ޑޮލަރުކަމުގައިވާނަމަކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ބީލަމުގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 އެމެރިކާ ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.