ޚަބަރު

ބައިރޫތުގެ ގޮވި ބާރުގަދަ ކެމިކަލަކީ ކޮބާ؟


އޮގަސްޓު 4ވަނަ ދުވަހު ލުބުނާނުގެ ބައިރޫތުގެ ގުދަނެއްގައި ބާރުގަދަ ގޮވުމެއް ގޮވައި 135 މީހުން މަރުވެ، 5،000 މީހުންވަނީ ޒަޚަމްވެފައެވެ. ބައިރޫތުގެ މައި ބަނދަރު ކައިރީގައި ހުންނަ ގުދަނުގައި ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތި، ބާރުގަދަ ކެމިކަލެއްކަމަށްވާ 2،750 ޓަނުގެ އެމޮނިއަމް ނައިޓުރޭޓު ރައްކާކޮށްފައިހުރިކަމަށް ލުބުނާނުގެ ރައީސް މިޝެލް އައުންވަނީ ވިދާޅުވެފައެވެ. މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން އެނގޭގޮތުގައި ބައިރޫތުގައި ބޮޑު ޙާދިޘާއެއް ހިނގަން މެދުވެރިވީ ގުދަނުގައި ރައްކާކޮށްފައިހުރި އެމޮނިއަމް ނައިޓުރޭޓުގައި ހުޅުހިފުމުންނެވެ.

އެމޮނިއަމް ނައިޓުރޭޓަކީ ކޮބާ؟

އެމޮނިއަމް ނައިޓުރޭޓަކީ ގަސްކާނާ އުފެއްދުމަށާއި ބިންގަނޑު ގޮއްވުންފަދަ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ބާރުގަދަ ކެމިކަލެކެވެ. އެ ކެމިކަލް ތަޣައްޔަރުނުވާނަމަ އަދި ރައްކާތެރިކަމާއެކު ގުދަންކުރާނަމަ އެއީ ރައްކާތެރި މާއްދާއެކެވެ. ނަމަވެސް ތަޣައްޔަރުވެއްޖެނަމަ ނުވަތަ ތެލުގެ ބާވަތަކާ އެއްވެ، ރައްކާތެރި ނޫން ގޮތަކަށް ގުދަންކޮށްފިނަމަ އެއީ ވަރަށް ނުރައްކާތެރި މާއްދާއެކެވެ.

ގިނަ ޢަދަދެއްގެ އެމޮނިއަމް ނައިޓުރޭޓު ގަދަ ހޫނަށް ހުށަހެޅިއްޖެނަމަ ބޮޑު ގޮވުމަކާ ކުރިމަތިލާންޖެހިދާނެއެވެ. ރަނގަޅަށް ވައި ދައުރު ނުވާ ތަނެއްގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކޮށްފިނަމަ ބޮޑު ގޮވުމެއް ގޮވުމަކީ ގާތްކަމެކެވެ. ރައްކާކުރާ ކެމިކަލުގެ ޢަދަދު އިތުރުވާވަރަކަށް ގޮވުމުގެ ފުރުޞަތު ބޮޑުވެއެވެ.

ކަމާބެހޭ މާހިރުން ބުނަނީ ކީކޭ؟

ގޮވާތަކެތި ނައްތާލުމާބެހޭ އިނގިރޭސިވިލާތުގެ ޚާއްޞަ ކުންފުންޏެއްކަމަށްވާ އެލްފޮޑު ޓެކްނޮލޮޖީސްގެ މެނޭޖިން ޑިރެކްޓަރު ރޮލަންޑު އެލްފޮޑު ވިދާޅުވީ ބައިރޫތުގެ ގޮވުންތައް ބޮޑަށް ވައްތަރީ އާދައިގެ ބޮމަކަށްވުރެ ނިއުކުލިއަރ ބޮމަކާއެވެ.

އެ ހާދިޘާ ދައްކުވައިދޭ ވީޑިއޯތަކުން ފެންނަ ގޮތުގައި ގޮވުމުގެ ސަބަބުން އުފެދުނު ދުމުގެ ކުލަވަނީ ބަދަލުވެފައެވެ. އަދި ހަންޑިކުޑަ ބައްޓަމަށްހުރި ބޮޑު ދުންގަނޑެއް އުފެދުމަކީ އެމޮނިއަމް ނައިޓުރޭޓު ހިމެނޭ ގޮވުންތަކުގެ ސިފައެކެވެ.

އޮސްޓްރޭލިޔާގެ ފުލިންޑަރސް ޔުނިވަރސިޓީގެ މާހިރެއްކަމަށްވާ ސްޓުވާޓު ވޯކާ ވިދާޅުވީ ވީޑިއޯއިން ފުރަތަމަ ފެންނަނީ ހުދާއި އަޅިކުލައިގެ ދުންގަނޑެއްކަމަށެވެ. އެއަށްފަހު ބޮޑު ގޮވުމެއް ގޮވައި ރަތްކުލައާއި މުށިކުލައިގެ ދުންގަނޑެއް ދޫވައި މަންޒަރުވަނީ ފެނިފައެވެ. އެއަށްފަހު ހަންޑިކުޑަ ބައްޓަމަށްހުރި ހުދު ދުންގަނޑެއްވަނީ އުފެދިފައެވެ. ހުދުކުލައިގެ ދުންގަނޑުން ދޭހަކޮށްދެނީ އެމޮނިއަމް ނައިޓުރޭޓު ވައިގެ ތެރެއަށް ދޫވުމެވެ. ރަތާއި މުށިކުލައިގެ ދުން ދޭހަކޮށްދެނީ ނައިޓުރަސްއޮކްސައިޑާއި ފެނާ އެކުވެފައިވާކަމެވެ.

އެމޮނިއަމް ނައިޓުރޭޓު ބޭނުންކޮށްގެން ގޮވާޒާތުގެ އެއްޗެއް ގޮއްވާލާފައިވާނަމަ ރަތްކުލައާއި މުށިކުލައިގެ ދުންގަނޑެއް ނާރާނެއެވެ. އެ ކުލައަށްހުރި ދުންގަނޑެއް އުފެދުމުން ދޭހަކޮށްދެނީ އެމޮނިއަމް ނައިޓުރޭޓާ އެކުވެފައިވާ އޮކްސިޖަންގެ ނިޞްބަތް މަދުކަމެވެ. އެހެންކަމުން ގޮވާޒާތުގެ އެއްޗެއް އުފެއްދުމަށް އެމޮނިއަމް ނައިޓުރޭޓާއި އޮކްސިޖަން އެއްކޮށްފައިވާކަމަށް ނުބެލެވޭކަމަށް ވޯކާ ވިދާޅުވިއެވެ. އެ ގޮވުމަކީ ގަސްދުގައި ގޮއްވާލާފައިވާ ގޮވުމެއްކަމަށް ނުބެލެވޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔުނިވަސިޓީ އޮފް ކެލިފޯނިޔާގެ ކެމިސްޓުރީ ޕްރޮފެސަރެއްކަމަށްވާ އެންޑުރިޔާ ސެއްލާ ވިދާޅުވީ ދިގު މުއްދަތަކަށް އެހާ ގިނަ ޢަދަދެއްގެ ކެމިކަލް ގުދަންކޮށްފައި ހުރުމުން ހައިރާންވާކަމަށާއި އެއީ ވަރަށް ނުރައްކާތެރިކަމެއްކަމަށެވެ.

އެފަދަ ހާދިޘާއެއް ކުރިން ހިންގާފައިވޭތަ؟

ދުނިޔޭގައި ހިނގާފައިވާ އެންމެ ނުރައްކާތެރި ސިނާޢީ ގޮވުންތަކުގެ އަސްލަކީ އެމޮނިއަމް ނައިޓުރޭޓެވެ.

1921ވަނަ އަހަރުގެ ތެރޭގައި ޖަރުމަނުވިލާތުގެ ކާރުޚާނާއެއްގައި އެމޮނިއަމް ސަލްފޭޓާއި ނައިޓުރޭޓުން އުފައްދާފައިވާ ގަސްކާނާއަކާ އެއްވުމުގެ ސަބަބުން ހިނގި ހާދިޘާއެއްގައި 565 މީހުން މަރުވިއެވެ. 1947ވަނަ އަހަރު އެމެރިކާގެ ޓެކްސަސްގެ ބަނދަރެއްގައި އޮތް ބޯޓެއްގައި ރޯވުމުގެ ސަބަބުން އެ ބޯޓުގައި ހުރި 2،300 ޓަނުގެ ކެމިކަލު ގޮވިއެވެ. އެ ގޮވުމުގެ ސަބަބުން ބޮޑު ރާޅެއް އުފެދުނެވެ. އެ ހާދިޘާގައި 567 މީހުން މަރުވެ، 5،000 މީހުން ޒަޚަމްވިއެވެ.

2001ވަނަ އަހަރުގެ ތެރޭގައި ފަރަންސޭސިވިލާތުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކޮށްފައި ހުރި ގުދަނެއް ގޮވުމުގެ ސަބަބުން 31 މީހުން މަރުވެ، 2500 މީހުން ޒަޚަމްވިއެވެ.

2015ވަނަ އަހަރު ޗައިނާގެ ހިންޗިން ބަނދަރުގައި އެމޮނިއަމް ނައިޓުރޭޓު ރައްކާކޮށްފައިހުރި ގުދަނެއް ގޮވުމުގެ ސަބަބުން 116 މީހުން މަރުވިއެވެ.

ބޮން ހެދުމުގައި އެމޮނިއަމް ނައިޓުރޭޓު ބޭނުންކުރަނީ ކިހިނެތް؟

އެމޮނިއަމް ނައިޓުރޭޓާއި އެހެން މާއްދާތައް އެއްކުރުމުން ބޮން ތައްޔާރުކުރެވޭނެއެވެ. 1990ގެ އަހަރުތަކުގައި އައިރިޝް ރިޕަބްލިކު އާމީއިންވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި އެފަދަ ބޮމެއް ގޮއްވާލައިފައެވެ. 1995ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ އޮކްލަހޯމާ ސިޓީގައި ގޮއްވާލި ބޮމުގައިވެސް އެ މާއްދާވަނީ ބޭނުންކޮށްފައެވެ. އެ ހާދިޘާގައި 168 މީހުންވަނީ މަރުވެފައެވެ.

2002ވަނަ އަހަރުގެ ތެރޭގައި އިންޑޮނޭޝިޔާގެ ބާލީގައި އެފަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 200އަށްވުރެ ގިނަ މީހުން މަރުވިއެވެ. އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނަށް ޙަމަލާ ދިނުމަށް ތައްޔާރުކުރާ ބޮންތަކުގައިވެސް އެމޮނިއަމް ނައިޓުރޭޓު ބޭނުންކޮށްފައިވެއެވެ.