ޚަބަރު

ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް


ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޑރ.ޢަބްދުﷲ މައުސޫމް އައްޔަންކުރައްވާ މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ މިއަދު އަރުއްވައިފިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް މަޤާމުގެ ހުވައިކުރެއްވުމާއި، އެމަނިކުފަނަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރެވެ. ހުވައިކުރެއްވުމަށްފަހު، ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ރައީސް މައުމޫންގެ ވެރިކަމުގައި 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމު ފުރުއްވާފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމުވެސް އެމަނިކުފާނު ވަނީ ފުރުއްވާފައެވެ. 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަންވެސް މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޓްއަރިޒަމް އާއި ގުޅުން ހުރި ދާއިރާތަކުން ޑރ މައުސޫމް ފުރުއްވާފައިވާ އެހެން މަޤާމުތަކުގެ ތެރޭގައި މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައްވަނީ ފުރުއްވާފައެވެ. މީގެއިތުރުން ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގެ ދުވަސްވަރު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ބޯޑް މެންބަރުކަމުގެ މަޤާމުވެސް ޑރ މައުސޫމް ވަނީ ފުރުއްވާފައެވެ. އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ރިސޯޓު، ސަން އައިލެންޑުގެ ޖެނެރަލް މެނޭޖަރުގެ މަގާމުވެސް ޑަރ މައުސޫމް ވަނީ އަދާކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަރމިންގްހަމް އިން އަރބަން އެންޑް ރީޖަނަލް ސްޓަޑީޒް އިން ޕީއެޗްޑީ ޙާޞިލުކުރައްވާފައެވެ. ޓްއަރިޒަމް ޑިވޮލޮޕްމެންޓް ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމުން ޑރ މައުސޫމަށް ވަނީ މިދާއިރާއިން އެންމެ ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސެއްގެ ޝަރަފު ހޯއްދަވާފައެވެ. ޕިއެޗްޑީއަށް ޑރ މައުސޫމް ތީސިސް ލިޔުއްވީ " އެންކެލޭވް މައިކްރޯ އައިލެންޑް ޓުއަރިޒަމް" އިންނެވެ.
ޕީއެޗްޑީގެ ކުރިން އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އުލްސަރ އިން ހޮޓެލް އެންޑް ކޭޓަރިންގެ ދާއިރާއިން މާސްޓަރ އޮފް ސައިންސް ވެސް ޙާޞިލުކުރައްވާފައެވެ

މިވަގުތު ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި ޑރ މައުސޫމް ސިޔާސީ މައިދާނަށް ނުކުންނެވީ ޑިއާރުޕީންނެވެ. އޭގެ ފަހުން ރައީސް މައުމޫނާއި އަދި އެޕާޓީގެ ކުރީގެ ލީޑަރ އަހްމަދު ތަސްމީނު އަލީ އާއިއެކުވެސް ޑރ މައުސޫމްވަނީ މަސައްކަތްކުރައްވާފައެވެ.

ޑޮކްޓަރ ޢަބްދުﷲ މަޢުޞޫމް އެންމެފަހުން އަދާކުރެއްވި މަޤާމުތަކުތެރޭގައި، ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމާއި، ކޮމަންވެލްތް އޮފް އޮސްޓްރޭލިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަޤާމާއި، ނިއުޒިލޭންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުގެ މަޤާމު ވެސް ހިމެނެއެވެ. ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން އެމަނިކުފާނު ވަނީ މި މަޤާމުތަކުން މިއަދު ވަކިކުރައްވާފައެވެ. އަދި މިއަދު އެމަނިކުފާނު މަޤާމާއި ހަވާލުވެޑައިގެންފައިވަނީ ސިންގަޕޫރުން ރާއްޖެ ވަޑައިގެން 14 ދުވަހު ކަރަންޓީނު އިއްޔެ ހަމަކުރެއްވުމަށްފަހުއެވެ.

ޓުރިޒަމް މިނިސްޓަރު ކަމުގެ މަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުންނެވި ޢަލީ ވަޙީދު، މަގާމުން އިސްތިޢުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން އެ މަގާމުން އިސްތިޢުފާ ދެއްވާފައިނުވުމުން، މިިދިޔަ މަހުގެ 9 ވަނަދުވަހު ރައީސުލްޖުމްހޫރިއްޔާ އެމަގާމުން ޢަލީ ވަޙީދު ވަކިކުރެއްވުމުންނެވެ.
އަލީ ވަހީދު އެ މަޤާމުން ވަކިކުރެއްވުމުން މިހާތަނަށް ޓްއަރިޒަމް މިނިސްޓްރީން ހިންގަމުން ގެންދެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ ބެއްލެވުމުގެ ދަށުންނެވެ.