ޚަބަރު

ބޮޑު ގޮވުންތަކަށްފަހު ބައިރޫތަށް ދުނިޔޭގެ އެހީތެރިކަން


ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ބަޑިބޭސް ރައްކާކޮށްފައިހުރި ގުދަނެއްގައި ބާރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ގިނަ ޤައުމުތަކަކާއި ޖަމުޢިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ބައިރޫތުގެ މައި ބަނދަރު އޮންނަ ސަރަޙައްދުގައި ހިނގި ޙާދިޘާގައި މިހާތަނަށް 135 މީހުން މަރުވެ 5،000 މީހުންވަނީ ޒަޚަމްވެފައެވެ. އެ ހާދިޘާގައި މަރުވި މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވޭކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

ބާރުގަދަ ގޮވުންތަކެއް ގޮވުމުގެ ސަބަބުން 300،000 މީހުންގެ ގެދޮރު ގެއްލިފައިވާކަމަށް އެ ސިޓީގެ ގަވަރުނަރު މަރުވާން ޢައްބޫދުވަނީ ވިދާޅުވެފައެވެ. ބައިރޫތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ޢަދަދެއްގެ ޤައުމުތަކާއި ޖަމުޢިއްޔާތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް

މިހާތަނަށް އެންމެ ބޮޑު ޢަދަދެއްގެ މާލީ އެހީތެރިކަމެއް ހުށަހަޅާފައިވަނީ އިނގިރޭސިވިލާތުންނެވެ. އެ ޤައުމުންވަނީ އެހީގެގޮތުގައި 6.6 މިލިއަން އެމެރިކާ ޑޮލަރު ހުށަހަޅައިފައެވެ. ޙާލުގައި ޖެހިފައިވާ މީހުންނަށް ޚާއްޞަ ޞިއްހީ އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

ސަލާމަތީ ކަންކަމުގައި ޙަރަކާތްތެރިވާނެ 55 މީހުންނާއި ކުއްލި ޙާލަތުގައި ޙަރަކާތްތެރިވާ 10 ޑޮކްޓަރުންގެ އިތުރުން 6 ޓަނުގެ ޞިއްޙީ ސާމާނު ބައިރޫތަށް ފޮނުވުމަށް ފަރަންސޭސިވިލާތުންވަނީ ނިންމައިފައެވެ. އަދި އެ ޤައުމުގެ ރައީސް އެމަނުއަލް މެޚްރޮން ބައިރޫތަށް ވަޑައިގަންނަނަވައި ލުބުނާނުގެ ސިޔާސީވެރިންނާ ބައްދަލުކުރައްވާނެއެވެ.

އިޓަލީވިލާތުން ނިންމާފައިވަނީ އަސްކަރީ ދެ މަތިންދާބޯޓެއްގައި 8 ޓަނުގެ ޞިއްޙީ ސާމާނު ފޮނުވުމަށެވެ.

ސައިޕްރަސް، ޑެންކާމު އަދި ނޯވޭ

ލުބުނާނުގެ އަވަށްޓެރި ސައިޕުރަހުންވަނީ ދެ ހެލިކޮޕްޓަރާއި މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވުމަށް 10 މީހުންނާއި 8 ކުއްތާ ބައިރޫތަށް ފޮނުވާނެކަމަށް ބުނެފައެވެ. އޭގެ އިތުރުން މަތިންދާބޯޓެއް ޗާޓަރުކޮށްގެން ސައިޕުރަހުންވަނީ ބައިރޫތަށް ޞިއްޙީ ސާމާނު ފޮނުވައިފައެވެ. ބައިރޫތުގައި ތިބި ސައިޕުރަހުގެ ރައްޔިތުންނަށް އަނބުރާ ޤައުމަށް އާދެވޭނެ އިންތިޒާމުވެސްވަނީ ހަމަޖައްސައިފައެވެ.

ޑެންމާކުންވަނީ އެހީގެގޮތުގައި 1.91 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އެހީގެ ދަށުން ޙާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި ވަގުތީ ހިޔާވަހިކަން ހަމަޖެއްސުމުގެ އިތުރުން ހަސްފަތާލުތަކަށް ބޭނުންވާ ޞިއްޙީ ސާމާނު ފޯރުކޮށްދޭނެއެވެ.

ނޯވޭއިންވަނީ އެހީގެގޮތުގައި 2.79 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 40 ޓަނުގެ ޞިއްޙީ ސާމާނު ފޮނުވާނެކަމަށް ބުނެފައެވެ. 1.18 މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަމުގެ އިތުރުން ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ 47 މީހުން ބައިރޫތަށް ފޮނުވުމަށް ޖަރުމަނުވިލާތުންވަނީ ނިންމައިފައެވެ.

މިޞްރު، ޢިރާޤު، ކުވައިތު، ޗެކް ރިޕަލްބިކް، ނެދަލެންޑްސް އަދި ގުރީސް

ދެ މަތިންދާބޯޓުގެ ޞިއްޙީ ސާމާނު ފޮނުވުމަށް މިޞްރުންވަނީ ހުށަހަޅައިފައެވެ. ޢިރާޤުންވެސްވަނީ ޞިއްޙީ ސާމާނު ފޮނުވާނެކަމަށް ބުނެފައެވެ. މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާނެ 36 މީހުން ބައިރޫތަށް ފޮނުވާނެކަމަށް ޗެކް ރިޕަބްލިކުންވަނީ ބުނެފައެވެ.

އޭގެ އިތުރުން ކުވައިތުންވަނީ ޞިއްޙީ ސާމާނާއި އެހެނިހެން މުހިންމު ސާމާނު ބައިރޫތަށް ފޮނުވައިފައެވެ. ކުއްލި ޙާލަތްތަކުގައި ޙަރަކާތްތެރިވާ 67 މީހުން ބައިރޫތަށް ފޮނުވާނެކަމަށް ނެދަލެންޑްސުންވަނީ ބުނެފައެވެ. ގުރީސުންވަނީ ކުއްލި ޙާޅަތްތަކުގައި ޙަރަކާތްތެރިވާ 12 މީހުންގެ އިތުރުން ޚާއްޞަ ޙާލަތުގައި ބޭނުންކުރާ ދެ އުޅަނދަކާއި މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވާ ކުއްތާއެއް ފޮނުވުމަށް ހުށަހަޅައިފައެވެ.

އީރާނު، ޤަޠަރު، ޔޫއޭއީ އަދި ރަޝިޔާ

ހަތަރު މަތިންދާބޯޓެއްގައި ބައިރޫތަށް ޞިއްޙީ އެހީތެރިކަން ފޮނުވުމަށް ޤަޠަރުންވަނީ ނިންމައިފައެވެ. އެއްތަނުން އަނެއްތަނަށް ފަސޭހައިން ގެންދެވޭ 500 އެނދުގެ ދެ ހަސްފަތާލުވެސް އެ ޤައުމުން ފޮނުވާނެއެވެ. ރަޝިޔާއިންވެސް ފަސް މަތިންދާބޯޓުގެ ޞިއްޙީ ސާމާނާއި ފަސޭހައިން ރާވާލެވޭ ހަސްފަތާލަކާއި ޞިއްޙީ ޚިދުމަތްތެރިން ފޮނުވާނެއެވެ. ނުވަ ޓަނުގެ ކާބޯތަކެއްޗާއި ބޭހާއި ޞިއްޙީ ސާމާނާއި ފަސޭހައިން ރާވާލެވޭ ހަސްފަތާލަކާއި ޞިއްޙީ ޚިދުމަތްތެރިން އީރާނުން ބައިރޫތަށް ފޮނުވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޔޫއީއިންވަނީ ޞިއްޙީ ސާމާނާއި ބޭހާއި އެހެނިހެން ސާމާނު ފޮނުވައިފައެވެ.

ވިލާތުގެ އިއްތިޙާދު

ވިލާތުގެ އިއްތިޙާދުންވަނީ ޤުދުރަތީ ކާރިޘާތަކުގެ ސަބަބުން ޙާލުގައިޖެހޭ ޤައުމުތަކަށް އެހީތެރިވުމުގެ އުޞޫލުގެ ދަށުން ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފައެވެ. އަލިފާން ނިއްވާ 100އަށްވުރެ ގިނަ މީހުންނާއި ކުއްތާއާއި އުޅަނދާއި އެހެނިހެން ވަޞީލަތްތައް އެ އިއްތިޙާދުންވަނީ ފޮނުވައިފައެވެ. އަދި ލިބިފައިވާ ގެއްލުންތައް ހިސާބުކުރުމަށް ސެޓެލައިޓެއްގެ ބޭނުންވެސް ދަނީ ކުރަމުންނެވެ.

ޑަބްލިއުއެޗުއޯ، އައިއެފުއާރުސީ، އަދި ވޯލްޑު ބެންކު

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެއްކަމަށްވާ ރެޑުކުރޮހުންވަނީ ޞިއްޙީ ސާމާނާއި ބޭހާއި އެހެނިހެން ސާމާނު ބައިރޫތަށް ފޮނުވައިފައެވެ. އޭގެ އިތުރުން ބައިރޫތު އަލުން އާރާސްތުކުރުމަށް ޙާއްޞަ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ވޯލްޑު ބޭންކުންވަނީ ބުނެފައެވެ.

އޭގެ އިތުރުން ހަންގޭރީއާއި ޕޮލެންޑާއި ތޫނީސިޔާއާއި ތުރުކީވިލާތް ހިމެނޭގޮތަށް ގިނަ ޤައުމުތަކަކުންވަނީ ބައިރޫތަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.