ޚަބަރު

ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި ވޯޓުލި މީހުންގެ ޢަދަދު ދަށް


ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި ވޯޓުލި މީހުންގެ ޢަދަދު 2015ވަނަ އަހަރުގެ އިންތިޚާބަށްވުރެ ދަށްކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ޢާންމު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 16 މިލިއަން މީހުންނަށްވަނީ ލިބިފައެވެ. ވޯޓުލާން އެންމެ ފުރަތަމަ ހުޅުވާލުމުން ގިނަ ޢަދަދެއްގެ މީހުން ނުކުމެފައެއް ނުވެއެވެ. ނަމަވެސް މެންދުރުފަހު ވޯޓުލި މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮގުތައި މި އަހަރު ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ 71 އިންސައްތައެވެ. އެއީ 2015ވަނަ އަހަރު ބޭއްވި ޢާންމު އިންތިޚާބުގައި ވޯޓުލި މީހުންގެ ނިސްބަތަށްވުރެ 6 އިންސައްތަ ދަށް ޢަދަދެކެވެ. 2015ވަނަ އަހަރުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުންގެ 77 އިންސައްތައެވެ.

ބެލެވޭ ގޮތުގައި މި އަހަރުގެ އިންތިޚާބުގައި ވޯޓުލި މީހުންގެ ޢަދަދު ދަށަށް ގޮސްފައިވަނީ ކޯވިޑް-19ގެ ނުރައްކަލުގެ ސަބަބުންނެވެ. އެ ޤައުމުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރޭގައި 71 އިންސައްތަ މީހުން ވޯޓުލާން ނުކުތުމުން ދައްކައިދެނީ ސްރީ ލަންކާގައި ބަލި ފެތުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ޢާންމުންގެ އިތުބާރު އޮތް މިންވަރުކަމަށެވެ.

އެކާވީސް މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓު ގުނަންވަނީ ފަށައިފައެވެ.
ޢާންމުންގެ މެދުގައި މަޤުބޫލު އަދި ސްރީ ލަންކާގެ އެންމެ ނުފޫޒުގަދަ ރާޖަޕަކްސަ ޢާއިލާއަށް އިންތިޚާބުގައި ބޮޑު ތާޢީދެއް ލިބޭނެކަމަށް ބެލެވެއެވެ. ވަގުތީ ނަތީޖާ އިޢުލާނުކުރާނެކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގައެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުއެވެ.