ޚަބަރު

އިއްޔެ އެކަނިވެސް 235 ތަނެއް އިންސްޕެކްޓްކުރި


އެޗްޕީއޭއިން އާންމުކޮށްފައިވާ ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފުވެގެން އިއްޔެ 20 ތަނެއް ބަންދުކޮށްފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް އެކުލަވާލާފައިވާ އުސޫލުތަކާއި އެއްގޮތަށް ތަންތަން ހިންގަމުންދޭތޯ ބެލުމަށްޓަކައި ކުރިއަށް ގެންދާ އިންސްޕެކްޝަންގައި އިއްޔެ 235 ތަނެއް ބަލާފައިވާކަމަށެވެ. އަދި 20 ތަނަކާ މެދު ފިޔަވަޅު އަޅާފައިވާކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ އިއްޔެ އުޞޫލާ ޚިލާފަށް ހިންގަމުންދިޔަ 6 ސެލޫންއަކާއި، 8 ފިހާރައެއް ބަންދުކޮށްފައިވާކަމަށެވެ. އަދި 3 ކެފޭ ރެސްޓޯރެންޓާއި 3 މާރުކޭޓެއް ބަންދުކޮށްފައިވާކަމަށެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެކުލަވާލާފައިވާ އުސޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު، އެ އުސޫލާ އެއްގޮތަށް އެތަންތަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއް ދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗްޕީއޭގެ ޚާއްސަ ހޮޓްލައިނަށް ގުޅާ އެންގުމުން އަލުން އެތަނެއް އިންސްޕެކްޓްކުރުމަށްފަހު އުސޫލާއި އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން އަންނަނީ ދެމުންނެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދު ކުރުމަށްފަހު މާލޭގައި އާއްމު ހިދުމަތްދޭ ތަންތަން އާންމުކޮށް ހުޅުވުމަށް ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތުތަކަކާއި އެކުގައެވެ.

އެގޮތުން ފިހާރަތަކަށް އެއްފަހަރާ ގިނަ ވެގެން މީހުންނަށް ވަދެވޭނެ މިންވަރާއި ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ތިބެން ޖެހޭނެގޮތްވެސް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. އަދި އެތަންތަނުގައި ސެނިޓައިޒަރ ބަހައްޓައި އަތް ސާފުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަން ޖެހެއެވެ.