ވިޔަފާރި

"ސީޑްސްޓާސް ވޯލްޑް" މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


ޓެކްނޮލޮޖީގެ ދާއިރާއަށް އަލަށް ވަންނަ ވިޔަފާރިތަކަށް އަމާޒުކޮށް ބާއްވާ ބައިނަލްއަޤްވާމީ މުބާރާތެއްކަމަށްވާ "ސީޑްސްޓާސް ވޯލްޑް"ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ކުންފުނިތަކަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ކުންފުނިތަކަށް މިފުރުސަތު ފަހިކޮށްދީފައި ވަނީ ދިރާގާއި ސްޕާކްހަބް މޯލްޑިވްސް ގުޅިގެނެވެ. މިގޮތުން ރާއްޖޭގައި އަލަށް ފަށާ ޓެކްނޮލޮޖީ އާއި ގުޅުންހުރި އެކި މަސައްކަތްތައް ކުރާ ކުންފުނިތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުތުސަތު މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މިކަމަށް އެދޭ ފޯމް ސީޑްސްޓާސްގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެއެވެ.

ސީޑްސްޓާސް މުބާރާތަކީ އަލަށް ފަށާ ނުވަތަ ފަށައިގަނެގެން އުޅޭ ޓެކް ކުންފުނިތަކުގެ އުފެއްދުންތައް ތަރައްޤީކުރުމަށް އެހީތެރިވެދޭ މުބާރާތެކެވެ. މިމުބާރާތް މެދުވެރިކޮށް ކުންފުނީގެ ވިޔަފާރި ތަރައްޤީކުރާނެ ގޮތާއި، ވަކި އުފެއްދުންތައް ތަރައްޤީކޮށް، ކުރިއެރުވުމަށް އެހީތެރިވެދޭނެއެވެ. އޮންލައިންކޮށް ކުރިޔަށްގެންދާ މުބާރާތުގެ ތެރެއިން ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގެ މާހިރުން އައު ކުންފުނިތަކަށް ތަމްރީނާއި، އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިމުބާރާތް ކުރިޔަށްދާނީ 3 ބަޔަކަށް ބަހާލައިގެނެވެ. މިގޮތުން ފުރަތަމަ ބުރު ކުރިޔަށް ދާނީ ވަކިވަކި ޤައުމުތަކުގައެވެ. މިއަހަރުގެ ޤައުމުތަކުގައި ބައިގައި ރާއްޖޭ އާއިއެކު 94 ޤައުމެއް ބައިވެރިވެއެވެ. ދެން ވަކިވަކި ޤައުމުތަކުން ހޮވޭ ކުންފުނިތަކުން ވާދަކުރާނީ ސަރަހައްދީ މުބާރާތުގައެވެ. އަދި ސަރަހައްދީކޮށް ބާއްވާ ދެވަނަ ބުރުން ހޮވޭ ފަރާތްތައް ދާނީ ބައިނަލްއަޤްވާމީކޮށް ބާއްވާ ފައިނަލްއަށެވެ.

ފައިނަލް އޮންނާނީ 2021 ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. މިމުބާރާތުގައި ބައިވެރިވާ 10 ކުންފުންޏަކަށް 50 ހާސް ޑޮލަރުގެ ފައިސާގެ އިނާމު ދޭނެއެވެ. އަދި އެއްވަނަ ފަރާތަކަށް 500 ހާސް ޑޮލަރުގެ ފައިސާގެ އިނާމެއްވެސް ލިބޭނެއެވެ.