ކުޅިވަރު

އެންމެ މޮޅު ކުޅުން ދައްކައިގެން ނޫނީ ރޯމާ ބައްޔެއް ނުކުރެވޭނެ: ލޮޕެޓީގު


ޔޫއެފާ ޔޫރޮޕާ ލީގުގައި މިރޭ އިޓަލީގެ ރޯމާއާ ދެކޮޅަށް ނުކުންނައިރު ސަމާލުވާން ޖެހޭކަމަށާއި އެޓީމަކީ އިޓަލީގައި އެންމެ ފޯމުގައި ކުޅޭ އެއްޓީމުކަމަށް ސެވިއްޔާގެ ކޯޗު ޖޫލެން ލޮޕެޓީގު ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން ލޮޕެޓީގު ބުނީ ސެވިއްޔާއަށް މިއީ ފައިނަލެއް ކަމަށާއި މިމެޗުގައި އެންމެ މޮޅު ކުޅުން ދައްކައިގެން ނޫންގޮތަކަށް ރޯމާ ބައްޔެއް ނުކުރެވޭނެކަމަށެވެ. އޭނާ ބުނީ ވާދަވެރިން ވަރަށްވެސް ވަރުގަދަ ކަމަށާއި އެޓީމު އޮތީ ރަނގަޅު ފޯމުގައި ކަމަށެވެ. އަދި އިޓާލިއަން ލީގުގެ އެންމެ ފޯމުގައި ކުޅޭ ޓީމާ ދެކޮޅަށް ކުޅެވޭނީ ސެވިއްޔާއިން ސަމާލުވެގެންކަމަށެވެ. އަދި މުބާރާތުގެ މާޒީގައި ރަނގަޅު ކާމިޔާބެއް ހޯދިފައި އޮތުމަކީ މިމެޗާ ކުރިމަތިލާއިރު ލިބޭ ހިތްވަރެއް ކަމަށް ލޮޕެޓީގު ބުންޏެވެ.

ސެވިއްޔާ ވަނީ މި މުބާރާތް މިހާތަނަށް ފަސް ފަހަރު ހޯދާފައެވެ. އޭގެތެރޭގައި 2014 ވަނަ ހޯދި ތައްޓާއެކު ޖެހިގެން އައި ދެ ސީޒަނުގެ ވެސް ސެވިއްޔާ ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.