ޚަބަރު

ފުރަބަންދުގެ ތެރޭގައި ކެނދިކުޅުދޫ ޒުވާނުން ހެދީ އީކޯ ޕާކެއް


ރާއްޖޭގެ އެކި ރަށްތަކަށް ގުދުރަތީގޮތުން ލިބިފައި ވަނީ އެކި ބާވަތުގެ މުއްސަނދިކަމެވެ. ފަރުތަކުގެ ޚާއްސަ މުއްސަނދިކަން ލިބިފައިވާ ރަށްތަކާއި، ރަށުގެ ފެހިކަމާއި، ކަނޑޫފަލާއި ކުޅިތަކުން ހިތްގައިމުކޮށް ހޯދަމުންދާ ރަށްތަކެވެ.

މީގެތެރެއިން އެއްރަށަކީ ނ.އަތޮޅު ކެނދިކުޅުދޫއެވެ. 1900 އެއްހާއި މީހުންގެ އާބާދީ އޮންނަ ރަށް ހިތްގައިމުވެފައި ވަނީ ރަށުގައި އޮންނަ ގުދުރަތީ ކުޅިތަކުގެ ސަބަބުންނެވެ. އެއްރަށެއްގައި ގިނަ ކުޅިތައް ހުރުމަކީ ރާއްޖޭގައި އާއްމުކަމެއް ނޫނެވެ. ނަމަވެސް ކެނދިކުޅުދޫގައި ގުދުރަތީގޮތުން އުފެދިފައިވާ 9ކުޅި އެބައޮތެވެ. 400ފޫޓުން ފެށިގެން 3000 ފޫޓާއި ދެމެދުގެ ދިގުމިނެއްހުރި 3 ކުޅި ރަށުގައި އޮވެއެވެ.

އެހެންނަމަވެސް މިފަދަ ތަންތަނުން ފެންނަން ގުދުރަތީ ރީތި މަންޒަރުތައް ބަލާލުމުގެ ފުރުސަތު އެންމެ ފުރިހަމަގޮތުގައި ލިބިގެނެއް ނުދެއެވެ. އާއްމުކޮށް ނުފެންނަ ގިނަ ދޫނިސޫފާސޫތްޕާއި، މަސްމަހާމެއްސާއި، އެކިބާވަތުގެ ގަސްގަހާއިގެހިން މިތަންތަންވަނީ މުއްސަނދިވެފައެވެ.

މި ހިތްގައިމު މަންޒަރުތަށް ދެކިލުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް، ކެނދިކުޅުދޫ ޒުވާނުން އިސްނަގައިގެން މިވަނީ ފުރިހަމަ މަސަކަތެއް ފަށާފައެވެ.

ލޮކްޑައުންގައި ރަށުގައި ތިބި ޒުވާނުންގެ އަމިއްލަ އިސްނެގުމަށް ރަށުގެ ގޮނޑުދޮށް ސަރަޙާއްދާއި، ކުޅި ސަރަހައްދު އިކޯ ޕާކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ކެނދިކުޅުދޫ ކައުންސިލުން ވިދާޅުވީ، މުޅި މިމަސައްކަތަކީވެސް ޒުވާނުންގެ ޚިޔާލާއި މަޝްވަރާ އާއި އެކު ކައުސިލުގެ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ.

ޕީއެސްއާއި ވާހަކަދައްކަވަމުން މި މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތްކުރާ ހުސެއިން އިރުޝާދު (އީޒޯ) ބުނެފައިވަނީ ރަށުގެ ކުޅި ސަރަޙައްދުން މަންފަ ހޯދުމަށް މަސައްކަތް ކުރުމުގެ ޚިޔާލުއައީ ޒުވާނުން ކޮފީ މޭޒުދޮށުގައި ކުރަމުން ދިޔަ މަޝްވަރާތަކުގެ ތެރެއިންކަމަށެވެ.

މަދު ޒުވާނުންތަކަކާއި އެކު މީގެ ދެ މަސްކުރިން ފެށި މަސައްކަތުގައި، މިހާރު ރަށުގެ ހުރިހާ ޒުވާނުންހެން ޝާމިލްވެއެވެ. ހުސެއިން އިރުޝާދު ބުނެފައި ވަނީ ރަށުގައި އިކޯ ޕާކުތަކެއް ހެދުމުގެ ޚިޔާލާއިއެކު ފުރަތަމަ ހެދީ، މޫދަށް އެރޭ ސަރަޙައްދުގެ މޫދުގައި އުނދޯލިކަމަށެވެ. މި އުނދޯލިތަށްވެސް ހަދާފައި ވަނީ، ރަށުގައި ކުޅިން ހިފައިގެން ކެއުމަށް ބޭނުންކުރި މަހެއްކަމަށްވާ ބޭންގް ރަމްޒުކޮށްދޭގޮތަށެވެ.

ދަރުމައަށް އެދިގެން މަސައްކަތްކުރާ ޒުވާނުންގެ ގްރޫޕުން މިހާރު މަސައްކަތްކުރަމުންދަނީ ރަށުގެ ކުޅި ސަރަޙައްދު އިކޯ ޕާކެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަސައްކަތެކެވެ. އިޒޯ ބުނެފައިވަނި މިގޮތަށް ކުޅި ސަރަޙައްދު އިކޯ ޕާކެއްގެ ގޮތުގައި ތަރައްޤީކުރިމުގެ އެންމެ ބޮޑު ބޭނުމަކީ ކުޅި ސަރަހައްދަކީވެސް މަންފާ ލިވޭނެ ތަނަކަށް ހެދޭނެކަން އަންގައިދިނުންކަމަށެވެ. އެގޮތުން ރަށުގެ ރައްޔިތުން ހިތްފަސޭހަކޮށްލުމަށް މައިޒާންތައް ހެދުމުގެ އިތުރަށް، ރަށް ފަތުރުވެރިކަމަށް ހުޅުވާލުންވެސް މި މަސައްކަތުގައި ވަރަށް ބޮޑަށް ހިމެނޭކަމަށް ހުސެއިން އިރުޝާދު ބުންޏެވެ.

އިކޯ ޕާކްގައި މިހާތަނަށް ކޮށްފައިވާ ހުރިހާ މަސައްކަތަކީވެސް ތިމާވެއްޓާއި ރައްޓެހިކޮށް، ކުޅި ސަރަހައްދަށް ގެއްލުން ނުވާނެހެން ކޮށްފައިވާ މަސައްކަތްތަކެކެވެ.

އިކޯ ޕާކް މަސައްކަތުގެދަށުން ރަށުގެ 2 ކުޅިއެއްގައި މިހާތަނަށްވަނީ ފާލަން ހަދާފައެވެ. އެގޮތުން ކުޅީގެ އެއްފަރާތުން އަނެއް ފަރާތަށް ދިއުމަށް ގާތްގަނޑަކަށް 80 ފޫޓުގެ ފާލަމެއް ވަނީ ހަދާފައެވެ. އަދި އަނެއް ސަރަޙައްދުގައި ކުޅީގެ މެދަށް ދެވޭ ގޮތަށް ފާލަމެއްހަދައި، ފާލަން ނިމޭ ހިސާބުގައި ވަނީ ހަޓެއް ހަދާފައިވެއެވެ. އަދި ޖޯއްޔާއި އުނދޯއްޔާއި، ކުޅީގައި އުޅޭ މަހަށް ކާންދިނުމާއި ފޮޓޯނެގޭނެ ސަރަޙައްދުތައްވެސް ހެދޭނެކަމަށް ހުސެއިން އިރުޝާދު ބުންޏެވެ.

މިތަންތަން ހެދުމަށް މުޅިންވެސް ބޭނުންކޮށްފައި ވާނީ ލަކުޑިއެވެ. އެގޮތުން ފާލަންހެދުމަށް ތަނބުތަކުގެ ގޮތުގައި ބޭނުންކޮށްފައި ވަނީ ވެސް ލަކުޑިއެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކާއިއެކު ގިނަ ރަށްތަކެއްގެ ކުޅިތަކުގެ ދިރުންތައް ނެތެމުންދާތީ މި ސަރަޙައްދު ޙިމާޔަތްކުރުމަށްވެސް މި މަސައްކަތުގެތެރޭގައި ހިމެނެއެވެ. ކެނދިކުޅުދޫއަކީ ރާއްޖޭގެ ގިނަ ރަށްތަކަކުން ނެތެމުންދާ ކަނޑޫފާގެ ބާވަތްވެސް ހުރި ރަށެކެވެ. ޒުވާނުންގެ މި ގްރޫޕުން ކުރަމުންދާ މަސައްކަތުގައި ކުޅީގައި ހުރި ގަސްގަހާގެހި ޙިމާޔަތްކުރުމާއި، ކަނޑޫފާތަށް ޙިމާޔަތްކޮށް ދިރުވައި އާލާކުރުންވެސް ހިމެނެއެވެ. އެގޮތުން ކުޅި ސަރަޙައްދަށް ގޮސްއުޅޭ މީހުން ތިމާވެއްޓަށް ހޭލުންތެރިކުރުމަށް ތަފާތު މެސެޖުތައް ލިބޭ ބޯޑުތައްވެސް ފެންނާނެގޮތަށް ވަނީ ބަހައްޓާފައެވެ.

އީކޯ ޕާކުގެ މަސައްކަތާއި އެކު ރަށުގެ ރައްޔިތުންގެ އިޖުތިމާއީ ގުޅުންވެސް ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ. އެގޮތުން މަސައްކަތް ފެށިއިރު މަދުބަޔަކު މަސައްކަތްކުރިނަމަވެސް، ފަހުން ގިނަ ބަޔަކު މަސައްކަތުގައި ބައިވެރިވަމުންދިޔައެވެ. އަދި މަސައްކަތް ކުރިއަށްދަވަގުތު އެ ސަރަޙައްދުގައި މަސައްކަތްކުރާ މީހުންނަށް ކެއުންތައް ގެނެސް މަސައްކަތަށް ހިތްވަރުދެމުންގެންދިޔައެވެ.

ކެނދިކުޅުދޫ ކުޅި ސަރަޙައްދު ކުރިން ބޭނުންކުރަމުން އައީ ބޭންގު އާލާކުރުމަށާއި، ރޯނުވެށުމަށް ބޭނުންވާ ބޮނބި ފާކުރުމަށެވެ. އެރަށު މީހުން ބުނާގޮތުގައި މަސްވެރިކަމަށް ދަތިވާ ދުވަސްވަރު، އެރަށުގައި މައިގަނޑުގޮތެއްގައި ކެއުމަށް ބޭނުންކުރީ ކުޅި ހިފާ ބޭންގު މަހެވެ.

އިކޯ ޕާކު ތަރައްޤީކުރުންވެގެންދާނީ ރަށަށް އެހެން މީހުންގެ ޝަޢުގުވެރިކަން އިތުރުކޮށް އަދި ފަތުރުވެރިކަމަށް ރަށް ހުޅުވާލުމަށްވެސް ކުރެވޭ މުހިންމު މަސައްކަތަކަކަން ކަމުގައި އެ ރަށުގެ ޒުވާނުން ފާހަގަކުރެއެވެ.

މިވަގުތު ކެނދިކުޅުދޫގައި ގެސްޓް ހައުސެއް ނެތެވެ. ނަމަވެސް ރަށުގެ ޒުވާނުންގެ ވިސްނުމަކީ އަލުން ފަތުރުވެރިކަމަށް ރާއްޖެ ހުޅުވިގެންދާއިރު، ކެނދިކުޅުދޫގައިވެސް ފަތުރުވެރިކަމުގެ ވިޔަފާރިތަށް ފެށިގެން އައުމެވެ.

ލޮކްޑައުންގައި ރަށުގައި ތިބެގެން ކެންދިކުޅުދޫ ޒުވާނުން މި ކުރި މަސައްކަތަކީ އެހެން ރަށްތަކުގެ ޒުވާނުންނަށްވެސް ނަމޫނާ މަސައްކަތެކެވެ. ރަށުގައި ހުރި ގުދުރަތީ ވަސީލަތްތައް ދިރުވައި އާލާކުރުމާއި، އެތަންތަނުން ނަފާ ހޯދިދާނެކަން މި މަސައްކަތުން ދައްކުވައިދެއެވެ.