ޚަބަރު

ބާބުރީ މިސްކިތް ތަޅާލުމުގައި އުޅުނު ހަރުކަށި ހިންދޫއެއް އިސްލާމްވި ގޮތުގެ ވާހަކަ


މުޙަންމަދު އާމިރުގެ އަތުގައި ތިން މާސްޓާރސް ޑިގުރީ އޮވެއެވެ. އޭނާ ކިޔެވީ ޕޮލިޓިކަލް ސައިންސާއި ތާރީޚާއި އިނގިރޭސި ބަހެވެ.

ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ މަހާރާޝްތުރާގެ މަލެގޮންގުގައި ހުންނަ މައްކާ މިސްކިތުގައި އިނދެ އޭނާ ދީނީ ނަޞޭހަތް ދެއެވެ. ދީނުގެ ޙުކުމުތަކާއި މުސްލިމުންގެ އުޅުން ބަހައްޓަން ޖެހޭ ގޮތުގެ މައްޗަށް އަލިއަޅުވާލައި އޭނާގެ ވަށައިގެން ޖަމާވެފައި ތިބި މީހުންނަށް ނަޞޭހަތް ދެއެވެ.

މީގެ 25 އަހަރު ކުރިން އޭނާއަކީ މުޙައްމަދު އާމިރެއް ނޫނެވެ. މީހުން އޭނާ ދަންނަނީ ބަލްބިރު ސިންގުގެ ނަމުންނެވެ. އޭރު އޭނާއަށް ކުރެވުނު އެންމެ މޮޅުކަމެއްކަމަށް އޭނާ ދެކުނީ ހަރުކަށި ހިންދޫންނާއެކު އިންޑިޔާގެ އުއްތަރު ޕުރަދޭޝުގައި އޮންނަ އަޔޯދިޔާގައި ހުރި ބާބުރީ މިސްކިތް ތަޅާލުމުގައި ބައިވެރިވުމެވެ. 400އަށްވުރެ ގިނަ އަހަރުވެފައިވާ ބާބުރީ މިސްކިތުގެ ގުއްބަކަށް އަރައި ކޯރާޑިން އެންމެ ފުރަތަމަ އެތި ފަހަރު ޖެހި މީހުންގެ ތެރޭގައި އޭނާ ހިމެނެއެވެ.

ބާބުރީ މިސްކިތަކީ މީލާދީން 1519ވަނަ އަހަރު އިންޑިޔާގެ ބޮޑު ބައެއްގައި ވެރިކަންކުރެއްވި އިސްލާމީ ރަސްކަލެއްކަމަށްވާ ޝާހު ޒަހީރުއްދީން މުހައްމަދު ބާބަރު ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް އެ މިސްކިތް ބިނާކޮށްފައިވަނީ އެތަނުގައި ހުރި ހިންދޫންގެ ފައްޅިއެއް ތަޅާލައި އެ ފައްޅީގެ މަތީގައިކަމަށް ހިންދޫން އަބަދުވެސް ދަޢުވާކުރެއެވެ. އެހެންކަމުންު ބާބުރީ މިސްކިތް ތަޅާލައި އެތަނުގައި ފައްޅިއެއް ބިނާކުރަން ހިންދޫން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ދަށުން 1992ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 6ވަނަ ދުވަހު ހިންދޫންގެ ހަރުކަށި ބަޔަކު ނުކުމެ އެ މިސްކިތް ތަޅާލިއެވެ. އެ މިސްކިތް ތަޅާލުމާއެކު އިންޑިޔާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނެވެ.

''އަހަންނަކީ ރާޖުޕުތެއް. އަހަރެން އުފަންވީ ޕަނިޕަޓު ކައިރީގައި އޮންނަ ކުޑަކުޑަ އަވަށެއްގައި. އަހަރެންގެ ބައްޕައަކީ މުދައްރިސެއް. އޭނައަކީ ގާންދީގެ އުޞޫލުތަކަށް ތަބާވާ މީހެއް،'' އާމިރު އޭނާގެ އެންމެ ދުރު ހަނދާންތައް ކިޔައިދިނެވެ.

ސާނަވީ ތަޢުލީމު ހޯދަން އޭނާގެ ޢާއިލާއާއެކު އޭނާ ޕާނިޕަޓަށް ބަދަލުވިއެވެ. އެ އަވަށަކީ ނުރައްކާތެރި އަދި ހަރުކަށި ފިކުރުގެ މީހުން ގިނަ ޢަދަދަކަށް ދިރިއުޅޭ އަވަށެކެވެ. އެ އަވަށުގައި ޙަރަކާތްތެރިވާ ހަރުކަށި ހިންދޫންގެ ޖަމާޢަތެއްކަމަށްވާ އާރުއެސްއެސްގައި ޙަރަކާތްތެރިވާ މީހުންނާ އޭނާއާ ގުޅުން ބަދަހިވިއެވެ. އެ އަވަށުގައި އުޅެމުން، ކިޔަވަމުން އޭނާ މީހަކާ ކައިވެނިވެސް ކުރިއެވެ. ބަލާބެލުމަށް އޭނާއަކީ އިންޑިޔާގެ މެދުފަންތީގެ ޢާއިލާއަކަށް ނިސްބަތްވާ ރަނގަޅު ޒުވާނެކެވެ.

އާމިރުގެ ޢާއިލާއަކީ ދީންވެރި ޢާއިލާއެއް ނޫނެވެ. އޭނާގެ ބައްޕައަކީ ދީންވެރި މީހެއްވެސް ނޫނެވެ. އެހެންކަމުން އޭނާގެ ޢާއިލާއިން ހިންދޫންގެ ފައްޅިތަކަށް ގޮސް ހިންދޫންގެ އެކި މުނާސަބަތުތައް ފާހަގައެއް ނުކުރެއެވެ. ދީންވެރި ނުވިނަމަވެސް އޭނާގެ ބައްޕައަކީ ވަރަށް ވަޠަނީ މީހެކެވެ. އެގޮތުން އިންޑިޔާގައި ރަސްކަންކުރި ވަރުގަދަ މުސްލިމު ހާންދާންތަކަށް ނިސްބަތްވާ ރަސްރަސްކަލުންނަށް އޭނާގެ ބައްޕަގެ ނަފުރަތު އޮވެއެވެ.

''އަހަރެންގެ ވިސްނުންވެސް ހުރީ އެގޮތަށް. އެހެންވީމާ އަހަރެންގެ ބޯކާލަން ވަރަށް ފަސޭހަވި. އަހަރެން ޤަބޫލުކުރިގޮތުގައި މުސްލިމުންނަކީ އިންޑިޔާއިން ބޭރުން އައިސް، އިންޑިޔާއަށް ހަމަލާދީ، ޤައުމަށް ވެރިވެގަތް ބައެއް،'' މުސްލިމުންނާމެދު އޭނާގެ ވިސްނުން ކުރިން ހުރި ގޮތް އޭނާ ކިޔައިދިނެވެ.

ޒުވާން ޖޯޝުގައި އެންމެ ކުރީ ސަފަށް ނުކުމެ، ބާބުރީ މިސްކިތް ތަޅާލުމުގައި އޭނާ ޙަރަކާތްތެރިވީ އޭނާ ޤަބޫލުކުރާގޮތުގައި ކުޑައިރުއްސުރެ މުސްލިމުންނާމެދު އޭނާގެ ވިސްނުން ހުރި ގޮތުންނެވެ. ބާބުރީ މިސްކިތް ތަޅާލުމަށް ހަރުކަށި ހިންދޫން ގޮވާލި ގޮވާލުމަށް އޭނާއަށް އެހާ ފަސޭހައިން އިޖާބަދެވުނީ އެހެންވެކަމަށް އޭނާ ޤަބޫލުކުރެއެވެ. އެ ދުވަހު ބާބުރީ މިސްކިތް ތަޅާލުމަށްފަހު އޭނާއާއި އޭނާގެ ބައިވެރިންވަނީ މިސްކިތުން ދެ ގައުބުރި ގެނެސް އާރުއެސްއެސް އޮފީހުގައި ފޮރުވިއެވެ.

ބާބުރީ މިސްކިތް ތަޅާލުމުން އިންޑިޔާގެ މުސްލިމުންގެ ރުޅިވެރިކަން ފަޅައިގެންގޮސް، މުޒާހަރާކޮށް، ބޮޑެތި ހަމަނުޖެހުންތަކެއް ހިންގިއެވެ. އެ ދުވަސްވަރު އާމިރު އުޅުނީ މުސްލިމުންނަށް ވަރަށް ބޮޑަށް ފިލައިގެންނެވެ. އޭރު އޭނާ އެންމެ ބިރު ގަންނަނީ ތުނބުޅި ހުންނަ މީހުން ދެކެއެވެ.

ދެތިން މަސް ދުވަހު ފިލައިގެން އުޅުމަށްފަހު އޭނާގެ ޢާއިލާ ކައިރިއަށް އެނބުރި އައީ އޭނާގެ ބައްޕަ ނިޔާވި ޚަބަރު ލިބުމުންނެވެ. ނަމަވެސް އޭނާގެ ޢާއިލާއިން އޭނާ ބޭނުމެއް ނުވިއެވެ. އެ މީހުން ޤަބޫލުކުރިގޮތުގައި އޭނާގެ ބައްޕަ މަރުވީ އޭނާގެ އުޅުން ހުރިގޮތުންނެވެ. އަދި ބައްޕަގެ ޖަނާޒާގައި އޭނާ ބައިވެރިނުކުރުމަށް މަރުވުމުގެ ކުރިން ބައްޕަ ވަޞިއްޔަތްކުރިކަމަށް އޭނާގެ ޢާއިލާއިން ބުންޏެވެ.

ދެން އާމިރަށް ކުރިމަތިވީ އެއަށްވުރެ ހައިރާންކުރުވި ކަމަކާއެވެ. އޭނާއާއެކު ބާބުރީ މިސްކިތް ތަޅާލުމުގައި އުޅުނު ހަރުކަށި ހިންދޫއެއްކަމަށްވާ ޔޮގެންދުރާ ޕަލް އިސްލާމްވިކަން އޭނާއަށް އިނގުނެވެ. ޕަލް ބުނިގޮތުގައި އޭނާ އިސްލާންވުމުން އޭނާގެ ސިކުންޑި ތެރޭގައި ހުރި ނުބައި ޚިޔާލުތަކާއި ވިސްނުންތަކާއި ފިކުރުތައް ފޮހެވުނެވެ. ޕަލްގެ އެދުމުގެ މަތިން މައުލާނާ ކާލިމު ޞިއްދީޤީ ނަމަކަށް ކިޔާ މީހަކާ ބައްދަލުކުރަން އާމިރު އެއްބަސްވިއެވެ. އެއީ ޕަލް އިސްލާމްކުރުވި މީހާއެވެ.

ބާބުރީ މިސްކިތް ތަޅާލިތާ 6 މަސް ދުވަސް ފަހުން، 1993ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ޕަލްގެ އެދުމުގެ މަތިން ޞިއްދީޤީއާ އާމިރު ބައްދަލުކުރިއެވެ. ޞިއްދީޤީއަކީ އުއްތަރު ޕުރަދޭޝްގެ މުޒައްފަރުނަގަރުގައި ޖާމިއަތު އިމާމު ވަލިއްޔުﷲ ޓުރަސްޓު ފޮރ ޗެރިޓީ އެންޑު ދަޢުވާގެ ނަމުގައި ދީނީ ޖަމުޢިއްޔާއެއް ހިންގާ މީހެކެވެ. އިންޑިޔާގެ އުތުރުގައި ގިނަ ޢަދަދެއްގެ މަދަރުސާތަކެއް އޭނާ ހިންގައެވެ. އޭގެ މަދަރުސާއެއްގައި ހުންނަން ބޭނުންވެގެން ޞިއްދީޤީގެ ޙުއްދައަކަށް އާމިރު އެދުނެވެ. އޭރުވެސް އިސްލާމްވުމުގެ ވިސްނުމެއް އޭނާ ނުގެންގުޅެއެވެ.

އާމިރު އެދުނު ގޮތަށް މަދަރުސާއެއްގައި ހުރުމުގެ ޙުއްދަ ޞިއްދީޤީ ދިނެވެ. ޞިއްދީޤީ ބުނިކަމަށްވަނީ އެއް މިސްކިތް ތަޅާލަން އާމިރު އެހީތެރިވެފައިވާކަމަށާއި އޭގެ ބަދަލުގައި އިތުރު މިސްކިތްތަކެއް އޭނާއަށް ބިނާކުރެވިދާނެކަމަށެވެ. އެހެން ބުނުމުން އާމިރަށް ކުރި އަސަރުން އޭނާ ވަރަށް ރުޔެވެ. އޭނާ އިސްލާމްވީ މަދަރުސާގައި ހޭދަކުރި ދުވަސްވަރުއެވެ.

އާމިރު ކިޔައިދިންގޮތުގައި އިސްލާންވުމާއެކު އޭނާގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. މަދަރުސާގައި އޭނާ ޤުރުއާނާއި އިސްލާމްދީން ދަސްކުރިއެވެ. މަދަރުސާގައި ކިޔަވައިވެސް ދިނެވެ. އޭގެ ފަހުން 1993ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އޭނާގެ ޢާއިލާއާއެކު އޮތް ގުޅުން ވަރަށް ރަނގަޅުވިއެވެ. އޭނާގެ އަންހެނުން އެ މަދަރުސާއަށް ޒިޔާރަތްކޮށް، އަމިއްލަ އިޚުތިޔާރުގައި އިސްލާމްވިއެވެ. އޭނާއަށް ލިބުނު 4 ދަރިން ލިބުނީ އިސްލާމްކަންމަތީ ހުއްޓަައިކަމަށް އޭނާ ބުންޏެވެ.

1993ވަނަ އަހަރާއި 2017ވަނަ އަހަރު އާމިރުވަނީ އިންޑިޔާގެ އުތުރުގައި ވީރާނާވެފައިވާ ގިނަ މިސްކިތްތަކެއް އާރާސްތުކޮށްފައެވެ. މިހާތަނަށް އޭނާވަނީ 40 މިސްކިތެއް އާރާސްތުކޮށްފައެވެ. އޭނާގެ އަމާޒަކީ 100 މިސްކިތް އާރާސްކުރުމެވެ. އާމިރު ބުނާގޮތުގައި އެއީ އޭނާއަށް ކުރިން އުޅެވުނު ގޮތާމެދު ހިތާމަކޮށް، އެކަމުގެ ބަދަލުގައި ކުރާކަމެކެވެ. އޭނާ ބުނާގޮތުގައި އެންމެ އުނދަގޫ މަޢާފަކީ އަމިއްލަ ނަފުސަށް މަޢާފުކުރުމެވެ.