ޚަބަރު

ބާބުރީ މިސްކިތް ހުރި ބިމުގައި އަޅާ ފައްޅީގެ ބިންގާ އަޅައިފި


އިންޑިޔާގެ އުއްތަރު ޕުރަދޭޝުގައި އޮންނަ އަޔޯދިޔާގައި ހުރި މުސްލިމުންގެ ތާރީޚީ މިސްކިތެއްކަމަށްވާ ބާބުރީ މިސްކިތް ހުރި ބިމުގައި އަޅާ ހިންދޫންގެ ފައްޅީގެ ބިންގާ އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަޅުއްވައިދެއްވައިފިއެވެ.

ބާބުރީ މިސްކިތަކީ މީލާދީން 1519ވަނަ އަހަރު އިންޑިޔާގެ ބޮޑު ބައެއްގައި ވެރިކަންކުރެއްވި އިސްލާމީ ރަސްކަލެއްކަމަށްވާ ޝާހު ޒަހީރުއްދީން މުހައްމަދު ބާބަރު ބިނާކުރެއްވި މިސްކިތެކެވެ. ނަމަވެސް އެ މިސްކިތް ބިނާކޮށްފައިވަނީ އެތަނުގައި ހުރި ހިންދޫންގެ ފައްޅިއެއް ތަޅާލައި އެ ފައްޅީގެ މަތީގައިކަމަށް ހިންދޫން އަބަދުވެސް ދަޢުވާކުރެއެވެ. އެހެންކަމުންު ބާބުރީ މިސްކިތް ތަޅާލައި އެތަނުގައި ފައްޅިއެއް ބިނާކުރަން ހިންދޫން ކުރަމުން ގެންދިޔަ މަސައްކަތްތަކުގެ ދަށުން 1992ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 6ވަނަ ދުވަހު ހިންދޫންގެ ހަރުކަށި ބަޔަކު ނުކުމެ އެ މިސްކިތް ތަޅާލިއެވެ. އެ މިސްކިތް ތަޅާލުމާއެކު އިންޑިޔާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް އުފެދުނެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި އިންޑިޔާގެ ސުޕްރީމް ކޯޓުންވަނީ އެ ބިމުގައި ހިންދޫންގެ ފައްޅިއެއް ބިނާކުރުމަށް އެ ބިން ހިންދޫންނާ ހަވާލުކުރުމަށް ޙުކުމްކޮށްފައެވެ. އިންޑިޔާގެ އެންމެ މަތީ ކޯޓުން ކުރި ޙުކުމުގައި މުސްލިމުން މިސްކިތެއް އެޅުމަށް އަޔޯދިޔާގެ އެހެން ސަރަޙައްދުތަކުން ފަސް އޭކަރުގެ ބިމެއް އިންޑިޔާގެ މުސްލިމުންގެ ސުންނީ ސެންޓްރަލް ވަޤްފު ބޯޑަށް ދިނުމަށްވެސް ނިންމާފައިވެއެވެ. ބާބުރީ މިސްކިތާ ގުޅިގެން އިންޑިޔާގެ ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި އެ މިސްކިތް ތަޅާލުން ކުށްވެރިކޮށްފައިވެއެވެ.

ހިންދޫންގެ ފައްޅީގެ ބިންގާ އެޅުމަށް އަޔޯދިޔާގައި ބޭއްވި ޙަފުލާގައި ބައިވެރިވުމަށް އިންޑިޔާގެ ބައެއް ނުފޫޒުގަދަ މުސްލިމު ވެރިންނަށްވެސް ދަޢުވަތު ދީފައިވެއެވެ.

އާއިޝަތުއިބުރާހިމް

ތިކަން ތަކަކީ ވަރަށް ގޯސް ކަންތަށް ކުރަން ހެޔޮނުވާނެ ކަން