ޚަބަރު

ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ


ފުވައްމުލަކު ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ، ފުވައްމުލަކުން ޕޮޒިޓިވްވެފައިވާ މީހާއަކީ، މާލޭން ރަށަށް އައިސް ހޯމް ކަރަންޓީނުގައި ހުރި މީހެކެވެ. އަދި އޭނާ ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވެގެން ޓެސްޓު ކުރުމުން ކަމަށް އެހޮސްޕިޓަލުން ވިދާޅުވިއެވެ.

އެޗްއީއޯސީން ހާމަކުރައްވާފައިވާ ގޮތުގައި ފުވައްމުލަކުން ޕޮޒިޓިވްވެފައި ވަނީ، 36 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވީ، މިއަދު ޕޮޒިޓިވްވި މީހާގެ އިތުރުން އަދި ނަތީޖާ ނުލިބޭ އިތުރު ސާމްޕަލްތަވެސް އެބަހުރި ކަމަށެވެ. އަދި މިއީ ކަންބޮޑުވާންވީ ވަގުތެއް ނޫން ކަމަށާއި، ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިގެން ދިރިއުޅެންވީ ވަގުތު ކަމަށެވެ.

މީގެ އިތުރުން ކޮންމެހެން ޟަރޫރީ ބޭނުމަކަށް މެނުވީ ބޭރަށް ނުދިއުމާއި، މާސްކް އަޅައިގެން އުޅުމަށް އެހޮސްޕިޓަލުން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ހޯމް ކަރަންޓީނުގައި ތިއްބެވި ބޭފުޅުން ހޯމް ކަރަންޓީނުގެ އުސޫލަށް އަމަލު ކުރެއްވުމަށްވެސް އެހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ފުވައްމުލަކުން ކޯވިޑް-19ގެ ޕޮޒިޓިވްކޭސްއެއް ފެނުމާއި އެކު މިހާރު މިބަލީގެ އެކްޓިވްކޭސްތައް ފެނިފައިވާ ރަށްރަށުގެ އަދަދު 12އަށް އެރީއެވެ.

ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގެ ރައްޔިތުން މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމުގައި ކަނޑައަޅާފައެވެ. އަދި އާއްމުކޮށް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މީހުން މާސްކު އެޅުމަށާއި އެރަށުން އަނެއްރަށަށް ދަތުރު ކުރާއިރު މާސްކު އަޅައިގެން އުޅުމަށްވެސް އެޗްއީއޯސީން އިލްތިމާސްކޮށްފައި ވެއެވެ.