ކުޅިވަރު

23 ވަނަ އެމްބީއޭ ޗެންޕިއަންޝިޕް އެލްޓީއާ ވިޔަންސާ މެޗުން ފަށަނީ


ތޭވީސްވަނަ އެމްބީއޭ ޗެންޕިއަންޝިޕް ފުރަތަމަ
މެޗްގައި އެލްޓީ ސްޕޯޓްސްއާ ވިޔަންސާ ބައްދަލުކުރަން ޖެހިއްޖެ. 

މިއަންނަ މަހުގެ
ހަތްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ދެވަނަ މެޗްގައި ވާދަކުރަނީ
ދި ބައުސްއާ އެލްކިއު ސްޕޯޓްސްއެވެ. އަދި ތިންވަނަ މެޗްގައި ވާދަކުރުމަށް
ހަމަޖެހިފައިވަނީ ޓީރެކްސް ބާސްކެޓް ބޯލް ކުލަބާ ކުޑަ ހެންވޭރުއެވެ. މިމުބާރަތުގެ
ފިރިހެން ޑިވިޝަންގެ ހަތަރުވަނަ މެޗްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ ސްޓްރިންގާސް
ބާސްކެޓްބޯލް ކުލަބާ އެފްޔޫއެފްސީއެވެ.



ތޭވީސްވަނަ އެމްބީއޭ ޗެންޕިއަންޝިޕްގެ އަންހެން
ޑިވިޝަންގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ އެމްޑަބްލިއުއެސްއީއާ ޓީއެސްއޭ އެވެ.
ދެވަނަ މެޗްގައި ބައްދަލުކުރާނީ އެމްޑަބްލިއުއެސްއީއާ ޓަގަންގް އެވެ. މިބައިގެ ތިންވަނަ
މެޗްގައި ބައްދަލުކުރާނީ އެމްޑަބްލިއުއެސްއީއާ ދިވެހި ސިފައިންގެ ކުލަބެވެ.



މިމުބާރާތުގެ ފިރިހެން ޑިވިޝަންގައި ފަނަރަ ކުލަބަކުން
ބައިވެރިވެފައިވާއިރު، އަންހެން ޑިވިޝަންގައި ބައިވެރިވެފައިވަނީ ހަތަރު ކުލަބުންނެވެ.




މިމުބާރާތުގެ ފިރިހެން ޑިވިޝަން ކުރިއަށްދާނީ ހަތަރު
ގުރޫޕްއަކަށް ބަހާލެވިގެން ކޮންމެ ގުރޫޕްއަކުންވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ
ދެޓީމް ކުއާޓާރ ފައިނަލަށް ދާ ގޮތަށެވެ. އަދި މިމުބާރާތުގެ އަންހެން ޑިވިޝަންގައި
ހަތަރު ޓީމް ބައިވެރިވެފައިވުމާ ގުޅިގެން އަންހެން ޑިވިޝަން ކުރިއަށްދާނީ ކޮންމެ
ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ތިން ސެމީ ކުޅޭ ގޮތަށެވެ. ސެމީ ފައިނަލްގެ
ފުރަތަމަ މެޗުން މޮޅުވާ ޓީމަކަށް ސިދާ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިބައިގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ތިރީސްވަނަ
ދުވަހު ހަވީރު ހަތަރުގަނޑި ބައިގައެވެ. އަދި ފިރިހެންބައިގެ ފައިނަލް މެޗް ކުޅުމަށް
ހަމަޖެހިފައިވަނީ ހަމަ އެރޭ ރޭގަނޑު ނުވަގަޑި ބައިގައެވެ.