ކުޅިވަރު

ފުވައްމުލައް ސިޓީގައި ސުވިމިންގ ޕޫލެއް އެޅުމަށް މަޝްވަރާކޮށްފި


ފުވައްމުލައް ސިޓީގައި ސުވިމިންގ ޕޫލެއް އެޅުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މަޝްވަރާކުރައްވައިފިއެވެ.

ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުވައްމުލައް ސިޓީގެ އެކި ދާއިތާރަކުގެ މަޖިލިސް މެންމަރުންނާއި، އިންޑިއާ ހައިކޮމިޝަންގެ އިސް ބޭފުޅުންނާއެކު އެ ސިޓީގައި ސުވިމިން ޕޫލެއް އެޅުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ. އެގޮތުން މުވައްމުލަކު ސިޓީގައި ސުވިމިން ޕޫލް އަޅާނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންކަމަށް މިނިސްޓަރ މަހުލޫފުގެ ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

ފުވައްމުލަކަކީ މޫދަށް އެރެން ޚާއްޞަ ސަރަޙައްދެއް ނޯންނަ ރަށަކަށްވާއިރު، މިއީ އެސިޓީގެ ރައްޔިތުންނަށް ލިބޭނެ ފަސޭހައަކަށްވާނެއެވެ. އަދި އެ ސިޓީގައި ޕޫލް އެޅުން ވާނީ ރާއްޖޭގެ ރަށެއްގައި އެޅޭ ފުރަތަމަ ސުވިމިން ޕޫލަށެވެ. މާލޭގައިވެސް އޮލިންޕިކް ފެންވަރަށް ސުވިމިން ޕޫލެއް އެޅުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ސުވިމިން ޕޫލް އެޅުމަށް ބޭނުންވާ ބިން ސާފުކޮށްފައިވީނަމަވެސް ކޯވިޑް-19 އާ ގުޅީގެން ޕޫލުގެ ޢަމަލީ މަސައްކަތަށް ވަނީ ކޮންމެވެސްވަރެއްގެ މަޑުޖެހުމެއް އައިސްފައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި މިހާރުވެސް ރާއްޖޭގެ 61 ރަށެއްގައި، އައުޓްޑޯރ ޖިމް ޤާއިމުކުރުމަށް ވަނީ ސާމާނު ގެނެސްފައެވެ. އަދި ވަރަށް އަވަހަށް ރަށްރަށުގައި ޖިމްތައް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަމަންޓުން ވިދާޅުވެއެވެ.