ޚަބަރު

ޤަވައިދާ ޚިލާފަށް ހަތިޔާރު އެތެރެކުރޭތޯ ބެލުމަށް ޖަރުމަނުވިލާތުގެ މަނަވަރެއް ލީބިޔާއަށް


ލީބިޔާއަށް ހަތިޔާރު ވިއްކުން މަނާކުރާ އދގެ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް 250 ސިފައިންނާއެކު ޖަރުމަނުވިލާތުގެ އަސްކަރީ މަނަވަރެއް އެ ސަރަޙައްދަށް ފުރައިފިއެވެ.

މިދިޔަ މެއި މަހުގެ ތެރޭގައި ވިލާތުގެ އިއްތިޙާދުންވަނީ ލީބިޔާއަށް ޙާތިޔާރު އެތެރެކުރޭތޯ ބެލުމަށް އިރިނީގެ ނަމުގައި ޚާއްޞަ ޙާރަކާތެއް ފަށައިފައެވެ. އެ ޙަރަކާތުގެ މަޤްސަދުތަކުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ލީބިޔާއިން ތެޔޮ ބޭރުކުރާ ފަރާތްތަކާބެހޭ މަޢުލޫމާތު އެއްކުރުމާއި އެ ސަރަޙައްދަށް ވަގަށް މީހުން އެތެރެވުން ހުއްޓުވުން ހިމެނެއެވެ. އެ ޙަރަކާތުގެ ދަށުން ސެޓެލައިޓާއި މަތިންދާބޯޓުގެ ޒަރިއްޔާއިން ހަތިޔާރު އެތެރެކުރޭތޯ ބަލާނެއެވެ.

އެ މަޝްރޫޢުގެ ދަށުން ފަސް މަސް ދުވަސްވަންދެން މެޑިޓޭރިއަންގެ ކަނޑުގެ ސަރަޙައްދުގައި ޖަރުމަންވިލާތުގެ މަނަވަރު ޙާރަކާތްތެރިވާނެއެވެ. ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި މަނަވަރުގެ ފަޅުވެރިން ގިނަ ވަގުތު ހޭދަކުރާނީ ކަނޑުމަތީގައެވެ.

އދން ބަލައިގަނެފައިވާ ލީބިޔާގެ ސަރުކާރުކަމަށްވާ ގަވަމަންޓު އޮފް ނޭޝަނަލް އެކޯޑު، ޖީއެންއޭއާއި އިދިކޮޅު ޚަލީފާ ޙަފްތާރުގެ ލީބިއަން ނޭޝަނަލް އާމީ، އެލްއެންއޭއާ ދެމެދު ފާއިތުވި ދުވަސްތަކުގައި ވަރުގަދަ ޙަމަލާތަކެއްވަނީ ބަދަލުކޮށްފައެވެ. ޖީއެންއޭއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެނީ ތުރުކީވިލާތުންނެވެ. ރަޝިޔާއާއި މިޞްރާއި ޔޫއޭއީއިން ވާގިވެރިވަނީ އެލްއެންއޭއަށެވެ.

ލީބިޔާއަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރާ އެއްބަސްވުމަށް ޔޫއޭއީއާއި ތުރުކީވިލާތާއި ރަޝިޔާއިން ޚިލާފުވެފައިވާކަމަށްވަނީ ތުހުމަތުކުރެވިފައެވެ. ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތުންވަނީ އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދީފައެވެ.