ޚަބަރު

ޒުވާނުންނަށް ކޯވިޑް-19 ޖެހޭ ޢަދަދުވަނީ ތިންގުނައަށް އިރުތުވެފައި: ޑަބުލިއުއެޗުއޯ


ކޯވިޑް-19 ޖެހޭ ޒުވާނުންގެ ޢަދަދު އިތުރުވަމުންދާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިއުއެޗުއޯއިން ބުނެފިއެވެ.

ފެބްރިއަރީ މަހުގެ 24ވަނަ ދުވަހާއި ޖުލައި މަހުގެ 12ވަނަ ދުވަހާ ދެމެދު ކޯވިޑް-19 ޖެހިފައިވާ 6 މިލިއަނަށްވުރެ ގިނަ މީހުންގެ މަޢުލޫމާތު ދިރާސާކުރުމަށްފަހު ޒުވާނުންގެ މެދުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާކަމަށް ޑަބުލިއުއެޗުއޯއިންވަނީ ބުނެފައެވެ. އެ ޖަމުޢިއްޔާއިން ބުނީ އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށް ކޯވިޑް-19 ޖެހޭ ނިޞްބަތްވަނީ 4.5 އިންސައްތައިން 15 އިންސައްތައަށް އިތުރުވެފައިކަމަށެވެ.

އެންމެ ހަލުވިކޮށް ބަލި ފެތުރޭ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގެ އިތުރުން ސްޕެއިންނާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތްފަދަ ވިލާތުގެ ޤައުމުތަކުގައި ބަލި ޖެހޭ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންކަމަށް އެ ޤައުމުތަކުންވަނީ ބުނެފައެވެ. ޞިއްޙީ މާހިރުން ބުނާގޮތުގައި އެދެވޭގޮތަށް މާސްކު ބޭނުންކުރުމާއި އިޖުތިމާޢީ ގައިދުރުކަން ބެހެއްޓުމުގައި ޒުވާނުން ފަރުވާކުޑަކުރާކަމަށެވެ. އޭގެ އިތުރުން ދަތުރުފަތުރުގެ ސަބަބުން ކޯވިޑް-19 ޖެހުމުގެ ފުރުޞަތު ޒުވާނުންގެ މެދުގައި އިތުރުވާކަމަށާއި އެހެން މީހުންނަށް ޒުވާނުންގެ ފަރާތުން ބަލި ޖެހޭ މިންވަރުވެސް އިތުރުވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. އިޖުތިމާޢީ މަސައްކަތުގައި ބައިވެރިވާ މީހުންނާއި ގޮނޑުދޮށްތަކަށް ޒިޔާރަތްކުރާ މީހުންނާއި ފިހާރަތަކަށާއި ކެފޭތަކުން ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ޒުވާނުންނެވެ.

ބައެއް ޤައުމުތަކުގައި ދެވަނަ ފަހަރަށް ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަލުން ރުޖޫޢަކޮށްފައެވެ. ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ބަލި ފެތުރޭ މިންވަރު ދަށްކުރުމުގައި ކާމިޔާބުތަކެއް ހޯދާފައިވާ ވިއެޓުނާމުފަދަ ޤައުމުތަކުގައިވެސް ދެވަނަ ފަހަރަށް ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ. ބަލި ޖެހުމުން ރައްކާތެރިކޮށްދޭ ވެކްސިނެއް ތައްޔާރުކުރުމުގެ މުހިންމުކަންވަނީ ދުނިޔެއަށް އިންތިހާއަށް މުހިންމުވެފައެވެ.

ޑަބުލިއުއެޗުއޯއިން ބުނީ ފެބުރުއަރީ މަހާއި ޖުލައި މަހާ ދެމެދު އުމުރުން 5 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 4.6 އިންސައްތަ ކުދިންނަށް ބަލި ޖެހިފައިވާ ކަމަށެވެ. ޞިއްޙީ މާހިރުންވަނީ ޒުވާނުންގެ ކިބައިން ބަލީގެ ޢަލާމާތްތައް ފެންނަ މިންވަރު ކުޑަކަން ފާހަގަކޮށް ބަލީގެ އަލާމަތްތައް ނުފެންނަ މީހުންގެ ފަރާތުންވެސް ބަލި ފެތުރޭކަމުގެ އިންޒާރު ދީފައެވެ. އަދި އިޖުތިމާޢީ ގައިދުރުކަމާއި މާސްކު އެޅުމާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް ޒުވާނުންނަށްވަނީ ނަޞޭޙަތްތެރިވެފައެވެ.

ޑަބުލިއުއެޗުއޯއިން ބުނީ ބަލި ޖެހުމުން ޒުވާނުން އިސްތިސްނާނުވާނެކަމަށާއި ޒުވާނުންވެސް ބަލީގައި މަރުވާނެކަށެވެ. އެހެން އުމުރުފުރައިގެ މީހުންނަށާއި ނާޒުކު ޙާލަތުގައިވާ މީހުންނަށް ބަލި ފޯރުކޮށްދޭ ވަޞީލަތެއްގެ ގޮތުގައި ޒުވާނުން ނުވުމަށްވެސް އެ ޖަމުޢިއްޔާއިންވަނީ އިލްތިމާސްކޮށްފައެވެ.