ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.
ޤާނޫނުހަދާ މަޖިލީހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގައި ޢާންމުންގެ މެދުގައި މަޤުބޫލު އަދި ސްރީ ލަންކާގެ އެންމެ ނުފޫޒުގަދަ ރާޖަޕަކްސަ ޢާއިލާއަށް ބޮޑު ތާޢީދެއް ލިބޭނެކަމަށް ބެލެވެއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ރައީސް ގޮތަބަޔަ ރާޖަޕަކްސައެވެ. 2019ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އައިއެސް ޖަމާޢަތުން ސްރީ ލަންކާއަށް ދިން ނިރުބަވެރި ޙަމަލާއަށްފަހު ޤައުމީ ސަލާމަތް ޔަޤީންކޮށްދެއްވޭނެ ހަމައެކަނި ސިޔާސީވެރިއަކީ އޭނާކަން ދެއްކެވުމަށް ރައީސް ގޮތަބަޔަވަނީ މަސައްކަތްކުރައްވައިފައެވެ.
ސްރީ ލަންކާގެ ބޮޑުވަޒީރު އަދި ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަގެ އެސްއެލްޕީޕީން އިންތިޚާބު ކާމިޔާބުކޮށްފިނަމަ ރާޖަޕަކްސަ ޢާއިލާގެ ބާރު އިތުރަށް ވަރުގަދަވާނެއެވެ. އެ ޕާޓީން އިންތިޚާބު ކާމިޔާބުކޮށްފިނަމަ ބޮޑުވަޒީރުގެ މަޤާމުގައި ދެމިހުރުމުގެ ފުރުޞަތު ކުރިން ރައީސްކަންވެސް ކުރައްވާފައިވާ މަހިންދައަށް ލިބިވަޑައިގަންނަވާނެއެވެ.
އެނގިފައިވާ ގޮތުގައި ރާޖަޕަކްސަ ޢާއިލާއަށް ނިޞްބަތްވާ އިތުރު ހަތަރު ބޭފުޅުންވަނީ ޤާނޫނުހަދާ މަޖިލީހަށް ކުރިމަތިލައްވައިފައެވެ. 225 ގޮނޑި ހިމެނޭ ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެސްއެލްޕީޕީއަށް ލިބިއްޖެނަމަ ރައީސަށް ލިބިދޭ ބާރުތައް ފުޅާކުރާނެކަމަށް ބެލެވެއެވެ.
ސްރީ ލަންކާގެ ޢާންމު އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 16 މިލިއަން މީހުންނަށްވަނީ ލިބިފައެވެ. މަޖިލީހަށް 196 މެންބަރުން އިންތިޚާބުކުރާނީ ރައްޔިތުންގެ ވޯޓުންނެވެ. ބާކީ 29 ގޮނޑިއަށް މެންބަރުން ޢައްޔަނުކުރާނީ ކޮންމެ ޕާޓީއަކަށް ނުވަތަ އަމިއްލަގޮތުން ވާދަކުރި ފަރާތްތަކަށް ލިބޭ ޖުމްލަ ވޯޓުގެ ޢަދަދަށް ބަލައިފައެވެ.
މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އެންމެ ފުރަތަމަ ބޭއްވުމަށް މަސައްކަތްކުރި އިންތިޚާބުވަނީ ސްރީ ލަންކާގައި ކޯވިޑް-19 ފެތުރުމުގެ ސަބަބުން ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުރަބަންދުކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ސްރީ ލަންކާގައި ބަލި ފެތުރޭ މިންވަރުވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ 2،834 މީހުންގެ ތެރެއިން 2500އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
އިޖުތިމާޢީ ގައިދުރުކަން ޔަޤީންކުރުމަށް ވޯޓުލާ މަރުކަޒުތަކުގައިވަނީ ރައްކާތެރިކަމުގެ ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ. ވޯޓުލާން އަމިއްލަ ޤަލަމެއް ހިފައިގެން، މާސްކު އަޅައިގެން އައުމަށް އެ ޤައުމުގެ އިންތިޚާބާބެހޭ ވުޒާރާއިންވަނީ އިރުޝާދު ދީފައެވެ.
ޢާންމު އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ޖޫނު މަހުގެ ތެރޭގައި ސްރީ ލަންކާއިންވަނީ މޮކު އިންތިޚާބެއްވެސް ބާއްވައިފައެވެ. އެހެންކަމުން ވޯޓުލުމުގެ އިންތިޒާމުތައް ވަރަށް ފުރިހަމަވާނެކަމަށް ޤާބޫލުކުރެވެއެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާނެކަމަށް ބެލެވެނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.