ޚަބަރު

ސިޔާމްގެ ލޯނަށް ސަރުކާރުން ފައިސާދައްކާ މައްސަލަ ބަލަން ހުށަހަޅައިފި


މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ކުންފުންޏަކަށް، ކުރީގެ ސަރުކާރުން ދިން ސޮވެރިން ގެރެންޓީއަކާއި ގުޅިގެން އެފައިސާ ސަރުކާރުން ދައްކަންޖެހޭ މައްސަލައިގެ ތަފްސީލު ހޯދުމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް މީކާއިލް ފޮނުއްވި ސިޓީގައި 2017 ވަނަ އަހަރު ދައުލަތުން ސޮވެރިން ގްރެންޓީ ދީގެން ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 127 މިލިއަން ( ދެ ބިލިއަން ރުފިޔާ ) ގެ ޑޮލަރުގެ މައްސަލާގައި ބައެއް ކަންކަން ސާފުކުރުމަށް ވަނީ އެދިވަޑައިގެންފައެވެ. މިގޮތުން ސަރުކާރުން ގެރެންޓީ ދީގެން ސިޔާމްގެ ކުންފުނިން ނެގި ލޯނެއް ޑިފޯލްޓް ވެފައިވޭތޯ އާއި އެލޯނު ސަރުކާރުން ދައްކަންޖެހޭ ގޮތަކީ ކޮބައިތޯއާއި އެކަމުގައި މާލީ ގޮތުން ކުރާނެ އަސަރަކީ ކޮބައިތޯ ސާފުކޮށްދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. މީކާއިލް ވަނީ މިކަންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ލިޔުމުން ޖަވާބުދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނާއި ގާތްގުޅުމެއް އޮންނަ ސިޔާމް ޕްރައިވެޓް ލިމިޑެޓަށް އެގްޒިމް ބޭންކުން ދޫކުރި ދެ ބިލިއަން ރުފިޔާގެ ލޯނަށް އޭރުގެ ސަރުކާރުން އޮތީ ސޮވެރިން ގެރެންޓީ ދީފައެވެ. އޭގެ ތެރެއިން 10 މިލިއަން ޑޮލަރު ޑިފޯލްޓްވުުމުން މި މަސްތެރޭގައި އެ ފައިސާ ދައްކަން އެ ބޭންކުން ސަރުކާރަށް އަންގާފައިވާކަމަށްވެއެވެ.

ސަރުކާރުން ދިން ސޮވެރިން ގެރެންޓީއާއި އެކު ސަން ސިޔާމް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ޗައިނާގެ އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނުގެ ދަށުން ސިޔާމްގެ ކުންފުނިިން އަންނަނީ ނ. ދިގުރަށުގައި ރިސޯޓެއް ތަރައްގީކުރަމުންނެވެ. މިއީ ރާއްޖޭގައި ހަދާ އެންމެބޮޑު ރިސޯޓެވެ.