ވިޔަފާރި

ބީބީސީ ޓްރެވަލް ޕާޓްނަރަކަށް ހެރިޓަންސް އާރަށް ރިސޯޓް ހަމަޖައްސައިފި


ބީބީސީ ޓްރެވަލް ޕާޓްނަރަކަށް ރާއްޖޭގެ ހެރިޓަންސް އާރަށް ރިސޯޓު ހަމަޖައްސައިފިއެވެ.

ބީބީސީގެ ޓްރެވަލް ޕާޓްނަރަކަށް ހެރިޓަންސް އާރަށް ރިސޯޓު ހަމަޖައްސާފައިވާއިރު، މިއީ ރާއްޖޭގެ ރިސޯޓެއް ބީބީސީ ޓްރެވަލް ޕާޓްނަރެއްގެ ގޮތުގައި ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

ބީބީސީ ޓްރެވަލް ޕާޓްނަރުންގެ ގޮތުގައި ހަމަޖެހުމުން ރިސޯޓްގެ މަޢުލޫމާތު ބީބީސީގެ ޗެނަލްތައް އަދި އޮންލައިން ހަބަރު ޕްލެޓްފޯމްތައް ފޯރުކޮށްދޭނެއެވެ. ބީބީސީ ޓްރެވަލް ޕާޓްނަރުންގެ ގޮތުގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ހޮޓެލް، ރިސޯޓު އަދި އެއަރލައިންތައް ވަނީ ހިމެނިފައެވެ.

ބީބީސީ ޓްރެވަލް ޕާޓްނަރުންގެ ގޮތުގައި ހިމެނޭ ތަންތަނާއި، ވިޔަފާރިތައް ބީބީސީ ޓީވީ، ރޭޑިއޯ ޗެނަލްތަކާއި އޮންލައިން ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރާނެއެވެ. އަދި މިތަންތަނުން ލިބެން ހުންނަ ހިދުމަތްތަކާއި، ޕްރޮމޯޝަންތައް ބީބީސީ ޕްލެޓްފޯމްތައް މެދުވެރިކޮށް ޕްރޮމޯޓްކޮށްދޭނެއެވެ.

2019 ވަނަ އަހަރު ރ. އަތޮޅުގައި ތަރައްޤީކޮށް ފަތުރުވެރިކަމަށް ހުޅުވާލި ހެރިޓަންސް އާރަށަކީ ސްރީލަންކާގެ އެޓްކިން ސްޕެންސް ހޮޓެލްސްގެ ފަރާތުން ރާއްޖޭގައި ހިންގާ 7 ރިސޯޓުގެ ތެރެއިން 1 ރިސޯޓެވެ.

ކޯވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ހުއްޓާލުމަށްފަހު އަލުން ވަނީ ބޯޑަރު ހުޅުވާ ރިސޯޓުތައްވެސް ފަތުރުވެރިކަމަށް ހުޅުވަން ފަށާފައެވެ. ހެރިޓަންސް އާރަށްވެސް ދަނީ މިއަންނަ ސެޕްޓެމްބަރުމަހު އަލުން ފަތުރުވެރިކަމަށް ހުޅުވުމަށް ތައްޔާރު ވަމުންނެވެ. މިރިސޯޓުގައި 150 ވިލާ ހުންނައިރު މިއީ އާއިލާތަކަށް ހާއްސަ ގިނަ ހިދުމަތްތަކެއް ލިބޭ ރިސޯޓެކެވެ.