ކުޅިވަރު

ގޯލްކީޕަރ ކަސިޔަސް ރަސްމީކޮށް ރިޓަޔާކޮށްފި


ސްޕެއިންގެ ކުރީގެ ކީޕަރު އަދި ދުނިޔޭގައި އުފެދުނު ލެޖެންޑްރީ ގޯލްކީޕަރު އިކާ ކަސިޔަސް ރަސްމީކޮށް ރިޓަޔާކޮށްފިއެވެ.

ރެއާލް މެޑްރިޑު ޔޫތު ޓީމުން ކެރިއަރު ފެށި ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހޭދަކޮށްފައިވާ ރެއާލް މެޑްރިޑުގެ ޓީމުގައެވެ. ކަސިޔަސް ވަނީ ރެއާލްގައި ހޭދަކުރި 16 އަހަރުގެ ތެރޭގައި 725 މެޗު ކުޅެދީފައެވެ.

ކަސިޔަސް ވަނީ ރެއާލްއާއެކު ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ.

2015 ވަނަ އަހަރުގެ ނިޔަލަށް ރެއާލް މެޑްރިޑްގައި ހޭދަކުރުމަށްފަހު، ހިލޭ ޓްރާންސްފާއެއްގެ ދަށުން ކަސިޔަސް ވަނީ ޕޯޗުގަލްގެ ޕޯޓޯއަށް ބަދަލުވެފައެވެ.

ނަމަވެސް ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސްއަށް ހާޓްއެޓޭކެއް ޖެހިގެން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ވަނީ ފަރުވާދީފައި. އޭގެފަހުން ކަސިޔަސް ކުޅެފައެއް ނުވެއެވެ.

ކަސިޔަސް އަކީ ރެއާލް މެޑްރިޑާއި ސްޕޭނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަންވެސްމެއެވެ. އޭނާ އަކީ 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ އަދި 2010 ވަނަ އަހަރުގެ ވަރލްޑް ކަޕް ސްޕޭނަށް ކާމިޔާބުކޮށްދިން ކެޕްޓަނެއެވެ.

ކަސިޔަސް ވަނީ ދާދި ފަހުން ސްޕެއިނުގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށް ފަހު، ކެންޑިޑެސީ އަނބުރާ ގެނެސްފައެވެ.