ބަންދުގައި ހުއްޓާ މަރުވި ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާގެ ޖަނާޒާ މިއަދު އޮންނާނެއެވެ.
އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔާސިރު ޔަހުޔާ މަރުވީ މިދިޔަ އާދިއްތަދުވަހުގެ ހަވީރު 4:25 ކަން ހާއިރުއެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ކެއުމަށް އިންކާރުކުރުމުގެ ސަބަބުން ހާލު ސީރިއަސް ވަމުންދާކަމަށް ފެންނާތީ ކަމަށް ކަރެކްޝަނަލް ސަރވިސްއިން ވަނީ ވިދާޅުވެފައެވެ.
ޔާސިރު ޔަހްޔާގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު 13:00 ގައި މަސްޖިދު ތަޢާވުން އާ ސަހަރާ މިސްކިތުގައެވެ.
އިމިގްރޭޝަނާ، ކަރެކްޝަނަލް ސަރވިސްގެ އިތުރުން ފުލުހުންވެސް ވިދާޅުވެފައިވަނީ ޔާސިރު ޔަޙްޔާ ޞާލިޙް މުތީއު ރާއްޖެއިން ފުރުވާލުމަށް އެކިފަހަރު މަތިން ކުރި މަސައްކަތް ނާކާމިޔާބުވީ އޭނާ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ނުދިނުމުންކަމަށެވެ. އަދި ޔާސިރު ޔަހްޔާ ބަންދުކުރީ ރާއްޖެއިން ފުރައިގެން ދިއުމަށް ތަކުރާރުކޮށް އެންގުމުންވެސް އެކަންކޮށްފައި ނުވާތީކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ.
ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާއި ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ވިދާވެފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުގައި އެ ޖަމާއަތުން ހިންގާ ހަރަކާތްތައް ރާވާ ވިލަރެސް ކުރުމުގެ އިތުރުން ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި ފުލުހުންގެ ތަހްގީގަށް ގެނެވެފައިވާ ދިވެހިންނާއި ޔާސިރު ޔަހްޔާ ގުޅުން ބަދަހިކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި މީނާއަކީ އޭނާގެ އުފަން ޤައުމުގެ އިތުރުން ދުނިޔޭގެ އެކި ޤައުމުތަކުގައި ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތކުގައި ހައްޔަރުކޮށް ބަންދުކޮށްފައިވާ މީހެއްކަމަށާއި އަދި ސައްހަ ނޫން ޓްރެވަލް ޑޮކިއުމަންޓްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށްފައިވާ މީހެއްކަންވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ޔާސިރު ޔަހްޔާ ޓުއަރިސްޓް ވިސާގައި ރާއްޖެއަށް އެތެރެވެފައިވަނީ 2014 ވަނަ އަހަރުއެވެ. ހަމަ އެ އަހަރު އެނާ ވަނީ ދިވެއްސަކާއި ކައިވެނިކޮށްފައެވެ.
ޔާސިރު ޔަހްޔާގެ އައިލާއިން ވަނީ ކަމާއި ބެހޭ އިދާރަތަކުގެ ތުހުމަތުތައް ދޮގުކޮށްފައެވެ. އެ އާއިލާއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާސިރު ޔަހްޔާގެ މައްޗަށް ކުރާ ތުހުމަތުތަކީ ކޮބައިކަން ބުނެދީފައިނުވާކަމަށާއި އެތުހުމަތުތަކާއި ގުޅިގެން އެއްވެސް ސުވާލެއްކޮށްފައި ނުވާކަމަށެވެ. އަދި އެއްވެސް ތަފްސީލެއް ދިނުމެއް ނެތި ރާއްޖެއިން ފުރައިގެން ދާން ފުރަތަމަ އެެންގި އިރު ޔާސިރުގެ އަންހެނުން އިނީ ބަލިވެކަމަށާއި އަންހެނުން ވިހެއުމުން ފުރައިގެންދާނެކަމަށް އެންގިކަމަށްވެސް އޭނާގެ އައިލާއާއި ވަކީލުން ނެރުނު ބަޔާނުގައިވެއެވެ. އެހެންނަމަވެސް ވިސާ ކެންސަލްކޮށް ޑިޓެންޝަން ސެންޓަރުގައި ބަންދުކުރިކަމަށްވެސް އައިލާގެ ބަޔާނުގައިވެއެވެ.