ޚަބަރު

ގޮވުންތަކުގެ ތަހުޤީގު ފަށާ ބައިރޫތްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފި


ލުބުނާނުގެ ވެރިރަށް ބައިރޫތުގައި ރޭ ބާރުގަދަ ގޮވުންތައް ގޮވި ސަބަބު ބަލަން ހާއްސަ ތަހުޤީގެއް ފަށައި ބައިރޫތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.

ބައިރޫތުގެ މައި ބަނދަރާ ކައިރި ހިސާބެއްގައި ގޮވި ގޮވުންތަކާއި ގުޅިގެން މިހާތަނަށް 78 ވުރެ ގިނަ މީހުން މަރުވެ 4000 ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި ހޮސްޕިޓަލްގައި އެމެރޖެންސީ ހާލަތުގައި 200 ވުރެ ގިނަ މީހުންނަށް ފަރުވާ އަންނަނީ ދެމުންނެވެ.

ރޭގެ ގޮވުންތަކާއި އެކު ލުބްނާނުގެ ރައީސް މިޝޭލް އައައޯން ކުއްލި ކެބިނެޓް ބައްދަލުވުމަކަށްފަހު މިހާރުވަނީ ދެ ހަފްތާއަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި މިއާއި އެކު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ސިފައިންވަނީ މަގުމައްޗަށް ނެރެފައެވެ. ބައިރޫތްގައި ގޮވި ގޮވުންތައް ތަހުޤީގުކުރުމަށް ހާއްސަ ޓިމެއް އެކުލަވާލާ އެ މަސައްކަތް ފެށުމަށް އެޤައުމުގެ ރައީސް ވަނީ ނިންމަވާފައެވެ. އަދި މި ތަހުޤީޤުތައް ނިންމާ އެކަމުގެ ރިޕޯޓް ފަސްދުވަހުގެ ތެރޭގައި ހުށައެޅުމަށްވެސް ވަނީ އަންގާފައެވެ.

ލުބުނާނުގެ އޮފިޝަލުން ބުނާ ގޮތުގައި މި ހާދިސާ ގައި މަރުވި މީހުންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓިމްތައް އަންނަނީ ވެއްޓިފައިވާ އިމާރާތްތައް ނަގާ އެތަނުގެ ދަށުގައި އެއްވެސް މީހަކު ވޭތޯ ބަލަމުންނެވެ. އަދި ބައިރޫތްގެ ހޮސްޕިޓަލްތައް ފުރުމުން ޒަހަމްވި މީހުންނަށް ފަރުވާދިނުމަށް ސިޓިން ބޭރަށް ގެންދަމުންދާކަމަށްވެސް އޮފިޝަލުން ބުނެއެވެ.

ލުބްނާނުގެ ރައީސް މިޝޭލް އައައޯން ވިދާޅުވީ މި ގޮވުންތައް ގޮވި ގުދަންތަކުގައި އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅުމެއް ނެތި 2750 ޓަނުގެ ބަޑިބޭސް ރައްކާކޮށްފައިވާކަމަށާއި މީ ބަލައިގެނެވޭނެކަމެއް ނޫންކަމަށެވެ.

ހަބަރުތައް ބުނާ ގޮތުން ބައިރޫތްގައި ބާރުގަދަ އެއްޗެއް ގޮވާފައި މިވަނީ އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ރަފީޤު ހަރީރީ އަވަހާރަކޮށްލި މައްސަލާގައި ހުކުމް އިއްވަން ތައްޔާރުވެފައިވަނިކޮށެވެ.

ރޭ ރާއްޖޭގަޑިން އިރާކޮޅުގެ ވަގުތެއްގައި ބައިރޫތްގައި މި ގޮއްވި ގޮވުންތަކީ ފަހުގެ ތާރީހެއްގައި އެ ޤައުމުގައި ގޮވި އެންމެ ބާރު ގަދަ ގޮވުންތަކެވެ. އަދި އެ ޤައުމާއި 150 މޭލު ދުރުގައި އޮންނަ ސައިފްރަސްއާއި ހަމައަށް އިވުނުކަމަށް ހަބަރުތައް ބުނެއެވެ.