ވިޔަފާރި

މިއަދާއި މާދަމާ މީރާގެ ކައުންޓަރުތައް ބަންދުވާނެ


މިއަދާއި މާދަމާ މީރާގެ އޮފީސް ބަންދުވާނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

މީރާއިން ބުނީ މިއަދާއި މާދަމާ މީރާގެ އޮފީސް ބަންދުކުރުމަށް ނިންމާފައިވަނީ ކޯވިޑް19 ފެތުރުން ހުއްޓުވުމުގެ ގޮތުން ސަރުކާރު އޮފީސްތައް މި ހަފްތާގައި ބަންދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެންނެވެ.

މީރާއިން ބުނީ މިއަދާއި މާދަމާ މީރާގެ ކައުންޓަރުތައް ބަންދުވިނަމަވެސް އެ އިދާރާއަށް ދައްކަންޖެހޭ އެންމެހާ ޓެކުހާއި ފީތައް މީރާގެ އޮންލައިން ޙިދުމަތް ވާރުޕޭ އަދި މީރާކަނެކްޓް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ.

މީރާއިން ފޯރުކޮށްދޭ ހުރިހާ ޙިދުމަތެއްވެސް މިހާރު އޮންލައިންކޮށް ލިބޭނެ އިންތިޒާމް އެ އިދާރާއިން ވަނީ ހަމަޖައްސައިދީފައެވެ. އަދި މީރާގެ ކައުންޓަރުތައް މި 2 ދުވަހު ބަންދުވިނަމަވެސް އޮންލައިންކޮށް އެ އިދާރާގެ ޙިދުމަތްތައް ހޯދުމަށް ޓެކްސް ދައްކާ ފަރާތްތަކުގެ ކިބައިން މީރާއިން ވަނީ އެދިފައެވެ.

ސަރުކާރު ބަންދުވިނަމަވެސް 3 ޓެކުހެއްގެ ސުންގަޑި ހަމަވާތީ އިއްޔެ ވަނީ މީރާގެ ކައުންޓަރުތައް ހުޅުވައި ޓެކްސް ދައްކާ ފަރާތްތަކަށް ޙިދުމަތްދީފައެވެ. ސުންގަޑި ހަމަވެފައިވާ 3 ޓެކުހަކީ ޖޫންމަހުގެ ގްރީން ޓެކްސްއާއި، ޖޫންމަހާއި މިއަހަރުގެ 2 ވަނަ ކުއަރޓަރުގެ ޖީއެސްޓީއާއި، 2019 ވަނަ އަހަރުގެ ބޭންކު ޕްރޮފިޓް ޓެކްސްއެވެ.