ސްރީ ލަންކާގެ ޢާންމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި ސްރީ ލަންކާގައި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުގައެވެ.
ސްރީ ލަންކާގެ ޢާންމު އިންތިޚާބުގެ ނަތީޖާގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި އެ ޤައުމުގެ ސިޔާސީ މަޝްރަހު ބައްޓަންވެގެންދާނެ ގޮތް އެނގިގެން ދާނެއެވެ. އިންތިޚާބުގައި ވާދަކުރާ މައި ޕާޓީއަކީ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސަގެ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ، އެސްއެލްޕީޕީއެވެ. ސްރީ ލަންކާގެ އާބާދީގެ 70 އިންސައްތަކަމަށްވާ ބުދިސްޓުންގެ ބޮޑު ތާޢީދެއް އެ ޕާޓީއަށްވަނީ ލިބިފައެވެ. އެހެންކަމުން ޤާނޫނުހަދާ މަޖިލީހުގެ ގިނަ ގޮނޑިތަކެއް ކާމިޔާބުކުރާނީ އެ ޕާޓީންކަމަށް ބެލެވެއެވެ.
އެސްއެލްޕީޕީން އިންތިޚާބު ކާމިޔާބުކޮށްފިނަމަ ސްރީ ލަންކާގެ އެންމެ ނުފޫޒުގަދަ ޢާއިލާކަމަށްވާ ރާޖަޕަކްސަ ޢާއިލާގެ ބާރު އިތުރަށް ވަރުގަދަވާނެއެވެ. އެ ޕާޓީން އިންތިޚާބު ކާމިޔާބުކޮށްފިނަމަ ބޮޑުވަޒީރުގެ މަޤާމުގައި ދެމިހުރުމުގެ ފުރުޞަތު ސްރީ ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ލިބިވަޑައިގަންނަވާނެއެވެ. 225 ގޮނޑި ހިމެނޭ ސްރީ ލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބިއްޖެނަމަ ރައީސަށް ލިބިދޭ ބާރުތައް ފުޅާކުރާނެކަމަށް ބެލެވެއެވެ.
އެސްއެލްޕީޕީއާ އެންމެ ގާތުން ވާދަކުރާ ޕާޓީއަކީ ސަމަގީ ޖާނަ ބެލަގްވާޔަ، އެސްޖީބީއެވެ. އެސްޖީބީގައި އިސްކޮށް ހުންނަވަނީ އިދިކޮޅު ލީޑަރު ސާޖިދު ޕްރަމަދާސައެވެ. އެ ޕާޓީ އުފެދިފައިވަނީ އެ ޤައުމުގެ އެންމެ ދުވަސްވީ ޕާޓީކަމަށްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީންނެވެ.
ކަނާތު ފިޔައިގެ އެސްޖޭބީގެ ކެންޕެއިނު ޢަމާޒުކޮށްފައިވަނީ ސްރީ ލަންކާގެ ރަށްފުށު ސަރަޙައްދުތަކުން ފަޤީރުކަން ނައްތާލުމަށެވެ. އެ ޕާޓީންވަނީ ދަޢުލަތުގެ ތަރިކަތައް ނުވިއްކާނެކަމަށް ވަޢުދުވެފައެވެ. އެ ވަޢުދުގެ ސަބަބުން ޗައިނާއާއެކު ގާތްގުޅުމެއް އޮންނަ އެސްއެލްޕީޕީއަށް ލިބޭ ވޯޓުގެ ޢަދަދު މަދުވުން އެކަށީގެންވެއެވެ.
ކޯވިޑް-19 ފެތުރެން ފެށިފަހުން ދެކުނު އޭޝިޔާގައި އެންމެ ފުރަތަމަ އިންތިޚާބެއް ބާއްވާ ޤައުމަކީ ސްރީ ލަންކާއެވެ. އެ ޤައުމުގައި 2،800އަށްވުރެ ގިނަ މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 2،500އަށްވުރެ ގިނަ މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް-19 ފެތުރެން ފެށުމުން ރައީސް ގޮތަބަޔަ ރާޖަޕަކްސަ އަޅުއްވާފައިވާ ފިޔަވަޅުތަކާމެދު ވޯޓުލުމުގެ ކުރިން ރައްޔިތުން ވިސްނާނެކަމަށް ބެލެވެއެވެ. ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުރަބަނދުކުރި ޤައުމުތަކުގެ ތެރޭގައި ސްރީ ލަންކާ ހިމެނެއެވެ.
އޭގެ އިތުރުން ރިޔާސީ ބާރުތައް ފުޅާކުރުމަށް ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކަކީ ވޯޓުލުމުގައި ރައްޔިތުން ވިސްނާނެ މުހިންމު ކަމެކެވެ. އެ ބަދަލުތައް ގެނެސްފިނަމަ ސްރީ ލަންކާގައި ޤާއިމުކޮށްފައިވާ ދީމުޤުރާޠީ ހަމަތައް ގެއްލޭނެކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ޗައިނާއާ ގާތްގުޅުމެއް އޮންނަ އެސްއެލްޕީޕީއާއި ޗައިނާއާމެދު ފިނި އުޞޫލެއް ގެންގުޅޭ އެސްޖޭބީއާ ދެމެދު ގޮތެއް އިޚުތިޔާރުކުރުމުގެ ފުރުޞަތު އިންތިޚާބުގައި ރައްޔިތުންނަށް ލިބޭނެއެވެ.
ސްރީ ލަންކާގެ ޢާންމު އިންތިޚާބު ކާމިޔާބުކުރުމުގައި އެ ޤައުމުގެ ބައިމަދު ތަމަޅައިންގެ ވޯޓު މުހިންމު ދައުރެއް އަދާކުރާނެއެވެ. 26 އަހަރަށް ދެމިގެންދިޔަ ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގައި ތަމަޅައިންނާ ދެކޮޅަށް ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ތަހުޤީޤުކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލާފައިވީނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެކަމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަވަނީ ވިދާޅުވެފައެވެ. ސްރީ ލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްވަރު ވެރިކަމުގައި ހުންނެވީ މަހިންދަ ރާޖަޕަކްސައެވެ. އަދި ހަނގުރާމަ ކާމިޔާބުކުރުމުގައި އެންމެ އިސް އާރުކާޓީއަކަށް ހުންނެވީ ގޮތަބަޔަ ރާޖަޕަކްސައެވެ. އެހެންކަމުން ތަމަޅައިންގެ ގިނަ ވޯޓުތައް ލިބޭނީ އިދިކޮޅަށްކަމަށް ލަފާކުރެވެއެވެ.
އޭގެ އިތުރުން 2019ބަނަ އަހަރު ސްރީ ލަންކާގައި ދިން ނިރުބަވެރި ޙަމަލައިގެ ސަބަބުން ޤައުމީ ސަލާމަތާބެހޭ މައްސަލަތަކުގެ ބުރަދަންވެސް ވޯޓުލުމުގައި ވަރަށް ބޮޑުވާނެކަމަށް ބެލެވެއެވެ. އެ ޙަމަލާގެ ސަބަބުން ސްރީ ލަންކާގެ ސަރުކާރުގެ ހިންގުމާމެދު ގިނަ ބަޔަކުވަނީ ސުވާލު އުފައްދައި ފާޑުކިޔައިފައެވެ.