ޚަބަރު

"ވަގުތު ނެތޭ" ކިޔަމުން މޭނާ ހައްސާނު ޑީއާރުޕީއަށް، ޖާބިރު ނަށަނީ


މަޝްހޫރު ލަވަކިޔުންތެރިޔާ މޭނާ ޙައްސާން ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ)އަށް ސޮއިކޮށް ސިޔާސީ މަައިދާނަށް ނުކުތްކަން ޢިއުލާންކޮށްފިއެވެ.

މޭނާ ޙައްސާނު ޑީއާރުޕީއަށް ސޮއިކުރި މަންޒަރު ފެންނަ ވިޑިއޯ ކްލިޕެއް ސޯޝަލްމިޑިއާގައި ވަރަށްބޮޑަށް ފެތުރެމުން އެބަދެއެވެ. މިވިޑިއޯ ކްލިޕާއެކު ޑީއާރުޕީގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

ވިޑިއޯ ކްލިޕުން ފެންނަގޮތުގައި މޭނާ ޙައްސާން ޑީއާރުޕީއަށް ސޮއިކުރިއިރު، އެތަނުގައިހުރި ޓީވީއެއްގައިވަނީ ޙައްސާނުގެ ޝޯވްއެއް އަޅުވާފައެވެ. އޭގެ އަޑުވެސް އިވެއެވެ. ޕާޓީއަށް ސޮއިކުރުމަށްފަހު ޙައްސާން ވަނީ ޖާބިރުގައިގާ ބައްދާލައި އޭނާ ހެޔޮ ނިޔަތުގައި ޖާބިރާއެކު މަސައްކަތްކުރަން ނުކުތްކަން ހާމަކޮށްފައެވެ.

އަދި ޙައްސާނުގެ މަޝްހޫރު ލަވަ "ވަގުތު ނެތޭ، ވަގުތު ނެތޭ" ކިޔަމުން ނަށަން ފެށިއެވެ. އެއާއެކު ޖާބިރުވެސް ފޯރިނަގައި ނަށަންފަށައެވެ.

މަޝްހޫރު ލަވަކިއުންތެރިޔާ މޭނާ ޙައްސާނަކީ ނުވަދިހައިގެ އަހަރުތަކުގައި ރާއްޖޭގައި ވަރަށްބޮޑަށް ވިދާލި ފަންނާނެކެވެ. އެހެންނަމަވެސް އެތައްފަހަރަކު އޭނާވަނީ ލަވަކިއުން ހުއްޓާކަލައި މިއުޒިކާ ދުރަށް ދިޔަކަން ހާމަކުރުމަށްފަހު އަނެއްކާވެސް ލަވަކިޔަން ފަށާފައެވެ.