ޚަބަރު

މާލޭގައި ކޯޓު ކޮމްޕްލެކްސް އެއް އެޅުމަށް ސަރުކާރުން ނިންމަވައިފި


ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުން މާލޭގައި ކޯޓު ކޮމްޕްލެކްސް އެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފިއެވެ.އެ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި ކޯޓު ކޮމްޕްލެކްސް އެޅުމަށް ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވަނީ، މާފަންނު މަދަރުސާއާއި އެސް.ޓީ.އޯ އިމާރާތާ ދެމެދު އޮތް 345 ނަންބަރު ކޮށި ކަމަށެވެ. އަދި މި ބިމުގައި ޤަވާޢިދުތަކާ އެއްގޮތްވާގޮތުގެ މަތިން އިމާރާތްކުރެވޭނެ އެންމެ އުސް މިނަކަށް އިމާރާތް ކުރުމަކީ، ޝަރުޢީ ދާއިރާގެ އަމާޒެއްކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.މާލޭ ރީ ޑިވޮލޮޕްމެންޓް ޕްލޭންގެ ދަށުން ބައެއް ސަރަހައްދުތަކުގައި 25 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް ބިމާބެހޭ ގަވާއިދު ހައުސިން މިނިސްޓްރީން ވަނީ އިސްލާހުކޮށްފައެވެ.ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޢަދުލު އިންޞާފުގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމުމުގެ ގޮތުން ކޯޓު ކޮމްޕްލެކްސްއެއް އެޅުމަކީ ޝަރުޢީ ދާއިރާގެ ތަސައްވުރަކަށްވާއިރު، ކޯޓު ކޮމްޕްލެކްސް އަށް ބޭނުންވާ ފައިސާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް ސަރުކާރުން މިހާރު ހަމަޖައްސަވާދެއްވާފައިވާކަމަށެވެ.ދައުލަތުގެ ސިޔާސަތަކީ ޝަރުޢީ ދާއިރާއަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުން ކަމަށް ވީހިނދު، މިހާރުވެސް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކޮށްދެއްވައި، ތަނަވަސް ގޮތްތަކެއް ވަނީ ހަމަޖައްސަވައި ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސިވިލް ކޯޓުގެ ޝަރީޢަތުން ބޭރުގައި މައްސަލަ ޙައްލުކުރުމުގެ ބައި ހިންގުމަށް ހަވީރީ ހިނގުމުގައި ހުންނަ އެސް.ޓީ.އޯގެ ކުރީގެ ހެޑް އޮފީސް ހިންގި އިމާރާތް ޝަރުޢީ ދާއިރާއަށް ވަނީ ދެއްވާފައެވެ. މީގެ އިތުރުން ޑްރަގް ކޯޓު އުފެދުމާ ގުޅިގެން ޑްރަގް ކޯޓު ހިންގުމަށް އިމާރާތަކާއި ޖުވެނައިލް ކޯޓު ހިންގުމަށް މ. މާތިލަ ސަރުކާރުން ވަނީ ޝަރުޢީ ދާއިރާއަށް ހަމަޖައްސަވައި ދެއްވާފައެވެ.މީގެ އިތުރުން ރައްޔިތުންނާއި ވީހާވެސް ގާތުން ހަމަހަމަ ކަމާއެކު ޢަދުލު އިންސާފު ފޯރުކޮށްދިނުމަށް ހަމަޖައްސާން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މެޖިސްޓްރޭޓް ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 26 ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ އާ އިމާރާތްތަކުގެ މަސައްކަތް މިއަހަރު ނިމި، ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާކަމަށްވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަނީ ހާމަކުރައްވާފައެވެ.