ޚަބަރު

މެލޭޝިޔާގައި ހުންނަ އަލްޖަޒީރާގެ އިދާރާ ފުލުހުން ފާސްކޮށްފި


މެލޭޝިޔާގެ ވެރިރަށް ކުއަލަ ލަންޕޫރުގައި ހުންނަ އަލްޖަޒީރާގެ އިދާރާ އެ ޤައުމުގެ ފުލުހުން ފާސްކޮށްފިއެވެ.

އަލްޖަޒީރާގެ އިދާރާއަށް މެލޭޝިޔާގެ ފުލުހުން ވަދެފައިވަނީ އެ ޤައުމުގައި ޤަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާމެދު ސަރުކާރުން ޢަމަލުކުރާގޮތުގެ ވާހަކަ ގެނައުމުން އުފެދިފައިވާ މައްސަލައާ ގުޅިގެންނެވެ. ޖުލައި މަހުގެ 3ވަނަ ދުވަހު އަލްޖަޒީރާއިން ލޮކްޑު އަޕް އިން މެލޭޝިޔާސް ލޮކްޑައުންގެ ނަމުގައި ދެއްކި ޑޮކިއުމަންޓަރީއެއްގައި ބުނެފައިވަނީ ވަގަށް އުޅޭ ބިދޭސީ މަސައްކަތްތެރިން އެ ޤައުމުން ހައްޔަރުކޮށް ޖަލަށްލާކަމަށެވެ.

އަލްޖަޒީރާއިން ގެނެސްދީފައިވަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއްކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ. އަދި އަބުރުގެ ޤާނޫނާއި މުވާސަލާތީ ކަންކަމާގުޅޭ ޤާނޫނާ ޚިލާފުވެ، ސަރުކާރާމެދު މީހުންގެ ހިތުގައި ނަފުރަތު އުފައްދަން މަސައްކަތްކުރުމުގެ ތުހުމަތުވަނީ އަލްޖަޒީރާއާ ދެކޮޅަށް ކޮށްފައެވެ.

އަލްޖަޒީރާއިން ދެއްކި ޑޮކިއުމެންޓަރީއަށް މަޢުލޫމާތު ދިން ބިދޭސީ މަސައްކަތްތެރިއެއްވަނީ މެލެޝިޔާގެ ފުލުހުން ހައްޔަރުކޮށްފައެވެ. އަދި އަލްޖަޒީރާ މަސައްކަތްކުރާ ނޫސްވެރިންތަކެއްވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އެއާއެކު ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުންވަނީ ނޫސްވެރިންގެ މިނިވަންކަމަށް ހުރަސްއެޅުމަށް މެލޭޝިޔާގެ ސަރުކާރުން މަސައްކަތްކުރާކަމަށް ތުހުމަތުކޮށްފައެވެ.

އަލްޖަޒީރާއިން ބުނީ ކުއަލަ ލަންޕޫރުގައި ހުންނަ އިދާރާއަށް ފުލުހުން ވަދެ، އެ އިދާރާ ފާސްކުރުމަށްފަހު، ތަހުޤީޤަށްކަމަށް ބުނެ ދެ ކޮންޕިއުޓަރު ގެންގޮސްފައިވާކަމަށެވެ. އަދި ނޫސްވެރިންގެ މިނިވަންކަމަށް ހުރަސްއެޅުމުގެ އައު ހަރުފަތެއް މެލޭޝިޔާގެ ސަރުކާރުން ހުރަސްކޮށްފައިވާކަމަށާއި ނޫސްވެރިންނަށް ބިރުދެއްކުމަށް ސަރުކާރުން މަސައްކަތްކުރާ މިންވަރު އެނގިގެން ގޮސްފައިވާކަމަށް އަލްޖަޒީރާއިން ބުންޏެވެ.

އަލްޖަޒީރާއިން ބުނާގޮތުގައި ޑޮކިއުމަންޓަރީގައި ހިމަނާފައިވަނީ ތެދު މަޢުލޫމާތެވެ. އަދި މެލޭޝިޔާގެ ސަރުކާރުން ކުރިއަށްގެންދާ ޖިނާޢީ ތަހުޤީޤު ހުއްޓާލުމަށްވެސް އަލްޖަޒީރާއިންވަނީ ގޮވާލައިފައެވެ.