އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ އަންހެނުން ބާރުވެރިކުރުމަށް އެ ޤައުމުގެ ސަރުކާރުން މަސައްކަތްކުރަން ފަށައިފިއެވެ.
ހަނގުރާމަވެރިންގެ ނުފޫޒު ގަދަވުމުގެ ސަބަބުން އިންޑިޔާގެ އެހެން ސަރަޙައްދުތަކަށްވުރެ ކަޝްމީރުގެ އަންހެނުންގެ ޙައްޤުތައް ގެއްލިފައިވާ މިންވަރު ބޮޑުކަމަށް ވިލާތުގެ އިއްތިހާދުގެ މަޖިލިސް މެމްބަރުންވެސް ކުރިން ބުނެފައިވެއެވެ. އެހެންކަމުން އެސަރަހައްދުގެ އަންހެނުންގެ ހާލަތު ރަނގަޅުކޮށް، އަންހެނުން ބާރުވެރިކުރުމަށް އިންޑިޔާގެ މައި ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންހެނުންނަށް ވިޔަފާރިއާއި އެހެން ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް ކުޑަ އިންޓެރެސްޓު ރޭޓެއްގައި ލޯނު ދޫކުރަންވަނީ ފަށައިފައެވެ. އަދި ފަޤީރުންގެ ގޮތުގައި ގުނޭ އަންހެނުންނަށް ލޯނު ދިނުމުގައި އިތުރު ލުއިތަކެއްވެސް ވަނީ ހިމަނައިފައެވެ.
އިޤްތިޞާދީ ގޮތުންނާއި ތައުލީމީގޮތުންނާއި ޞިއްޙީގޮތުން އަންހެނުން ބާރުވެރިކުރުމާއި ޤާނޫނީ އެހީތެރިކަން ދިނުމާއި ހަމަހަމަކަމުގެ އުޞޫލުތަކަށް އަންހެނުން ހޭލުންތެރިކުރުމަށްވެސް އިންޑިޔާގެ ސަރުކާރުން އިސްނަގައިގެން ދަނީ މަސައްކަތް ކުރަމުންނެވެ.