ޚަބަރު

ކޯވިޑް-19ގެ ސަބަބުން ތަޢުލީމީ ނިޒާމަށްވަނީ ބޮޑު ކާރިޘާއެއް ކުރިމަތިވެފައި: އދ


ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މަދަރުސާތައް ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ތަޢުލީމީ ނިޒާމަށް ބޮޑު ކާރިޠާއަކާ ކުރިމަތިލާން ޖެހިފައިވާކަމަށް އދން ބުނެފިއެވެ.

އދގެ ސެކެޓްރީ ޖެނެރަލް އެންތޮނިއޯ ގުތޭޚެޝް ވިދާޅުވީ މި އަހަރުގެ ޖުލައި މަހުގެ މެދާ ހަމައަށް 160 ޤައުމެއްގެ މަދަރުސާތައް ބަންދުކޮށްފައިވާކަމަށެވެ. އޭގެ ސަބަބުން ބިލިއަނަކަށްވުރެ ގިނަ ދަރިވަރުން ތަޢުލީމުން މަހުރޫމުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި 40 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ފަށައިގަންނަ ތަޢުލީމުން މަހުރޫމުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ބަލިމަޑުކަން ފެތުރެން ފެށުމުގެ ކުރިން ތަޢުލީމުން މަހުރޫމުވެފައި ތިބީ 250 މިލިއަން ކުދިންނެވެ.

ސޭވް އަވާ ފިއުޗާގެ ނަމުގައި އދން ފެށި ޙަރަކާތް އިފްތިތާޙު ކުރައްވަމުން ގުތޭޚެޝް ވިދާޅުވީ ތަޢުލީމު ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ދުނިޔެއިން ހޯދާފައިވާ ކުރިއެރުންތައް ބޭކާރުވެ ތަފާތުކުރުން އިތުރުވެދާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އިންސާނީ ކުރިއެރުމަށްވެސް ހުރަސް އެޅިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ބަލިމަޑުކަމުން އަރައިގަނެވުމުން އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ރައްކާތެރިކަމާއެކު މަދަރުސާތައް އަލުން ހުޅުވުމަށްކަމަށް ގުތޭޚެޝް ވިދާޅުވިއެވެ. އެކަން ޙާޞިލުކުރުމަށް ބެލެނިވެރިންނާއި މުދައްރިސުންނާއި ޒުވާނުންނާއެކު މަޝްވަރާކުރުމަކީ ކޮންމެހެން މުހިންމުކަމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.