ޚަބަރު

އިސްރާއީލުން ސޫރިޔާއަށް ޙަމަލާދީފި


ސޫރިޔާގެ އަސްކަރީ މަރުކަޒުތަކަކަށް އިސްރާއީލުން ވައިގެ ޙަމަލާތަކެއް ދީފިއެވެ.

ސޫރިޔާއިން ބުނީ ޖައުލާނުގެ އުސްބިންތަކުގައި އޮންނަ އަލްގުނައިތިރަގައި މަރުކަޒުކޮށްފައިވާ ސޫރިޔާގެ ސިފައިންނަށް ޢަމާޒުކޮށް ރޮކެޓު ޙަމަލާތަކެއް އިސްރާއީލުން ދީފައިވާކަމަށެވެ. އެ ޙަމަލާތަކުގެ ސަބަބުން ލިބިފައިވަނީ ހަމައެކަނި މާއްދީ ގެއްލުންތަކެއްކަމަށް އެ ޤައުމުން ބުންޏެވެ.

އިސްރާއީލުން ބުނީ ސޫރިޔާއަށް ޙަމަލާދީފައިވަނީ ސަރަޙައްދީ ރޮނގު ކައިރީގައި ބޮމުގެ ޙަމަލާއެއް ދިނުމަށް ބަޔަކު މަސައްކަތްކުރުމުން އޭގެ ބަދަލުގައިކަމަށެވެ. އެ ޙަމަލާ ދިނުމަށް މަސައްކަތްކުރީ ކޮން ބައެއްކަން ނޭނގުނުނަމަވެސް އިސްރާއީލުން ބުނީ ސޫރިޔާގެ ފަސްގަނޑުގައި ހިންގާ ޖަރީމާތަކުގެ ޒިންމާ ނަގަންޖެހޭނީ ސޫރިޔާގެ ސަރުކާރުންކަމަށެވެ. ސޫރިޔާއަށް ދިން ޙަމަލާތައް އަމާޒުކޮށްފައިވަނީ އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށާއި ޖާސޫސީ މަޢުލޫމާތު އެއްކުރާ ނިޒާމުތަކަށާއި ވައިގެ ޙަމަލާތައް ހުއްޓުވާ މަރުކަޒުތަކަށާއި މުވާސަލާތީ ނިޒާމުތަކަށްކަމަށް އިސްރާއީލުން ބުންޏެވެ. މީގެ ކުރިންވެސް އިސްރާއީލުންވަނީ ތަފާތު ބަހަނާތައް ދެއްކުމަށްފަހު ސޫރިޔާއަށް ޙަމަލާ ދީފައެވެ.

އިސްރާއީލުން ސޫރިޔާއަށް ޙަމަލާ ދިނުމުގެ ކުރިން ފަލަސްޠީނުގެ ޣައްޒާއަށްވެސްވަނީ ޙަމަލާ ދީފައެވެ.