ސޫރިޔާގެ ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތެއްކަމަށްވާ ސީރިއަން ޑިމޮކްރަޓިކް ފޯސަސް، އެސްޑީއެފާއެކު އެމެރިކާގެ ތެޔޮ ކުންފުންޏަކުން އެއްބަސްވުމެއްގައި ސޮއިކުރުމުން ތުރުކީވިލާތުން ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެމެރިކާގެ ތެޔޮ ކުންފުންޏެއްކަމަށްވާ ޑެލްޓާ ކުރެސެންޓު އެނަރޖީއާއި އެސްޑީއެފާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން އެމެރިކާއިންވަނީ ޔަޤީންކޮށްދީފައެވެ. އެސްޑީއެފުގެ ބާރުގެ ދަށުގައި އޮތް ސޫރިޔާގެ ތެޔޮ ވަޅުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތެޔޮ އުފެއްދުމާއި ވިޔަފާރިކުރުމަށް ދެ ފަރާތުންވަނީ އެއްބަސްވެފައެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކު ޕޮންޕެއޯ ވިދާޅުވެފައިވަނީ އެ މުޢާމަލާތަށް އެމެރިކާގެ ސަރުކާރުން ތާޢީދުކުރާކަމަށެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ބުނީ އެސްޑީއެފުގައި ހިމެނޭ ޕީޕަލްސް ޕުރޮޓެކްޝަނު ޔުނިޓު، ވައިޕީޖީން އިސްވެ ސޫރިޔާގެ ރައްޔިތުންގެ ގުދުރަތީ ވަޞީލަތްތައް ނައްތާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ. އެ އެއްބަސްވުމަކީ ވައްކަމެއްގެގޮތުގައި ސިފަކޮށް ސޫރިޔާގެ ސަރުކާރުންވަނީ އެއީ ޤައުމުގެ އިސްތިޤުލާލަށް ކުރާ މަލާމާތެއްކަމަށް ބުނެފައެވެ.
ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ އެއްބަސްވުމަށް އެމެރިކާގެ ސަރުކާރުން ދެމުންދާ ތާޢީދާމެދު ހިތާމަކުރާކަމަށެވެ. އެ އެއްބަސްވުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ސަރަޙައްދީ އެއްބައިވަންތަކަމާއި ސޫރިޔާގެ އިސްތިޤުލާލަށް ހުރަސްއެޅޭ އެއްބަސްވުމެއްކަމަށް އެ ޤައުމުން ބުނެއެވެ. އެއްބަސްވުމަށް ތާޢީދުކުރުމަކީ ނިރުބަވެރިކަމަށް ވާގިވެރިވެ ޚަރަދުކުރުންކަމަށާއި އެއީ ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.
ސޫރިޔާގެ ހަމަނުޖެހުންތަކުގައި އެމެރިކާއިން ވާގިވެރިވަނީ އެސްޑީއެފަށެވެ. ސޫރިޔާގެ ޑިމޮކްރަޓިކް ޔޫނިއަން ޕާޓީ، ޕީވައިޑީއާއި ވައިޕީޖީގެ ހަނގުރާމަވެރިން އެސްޑީއެފުގައި ހިމެނެއެވެ. ވައިޕީޖީއަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ތުރުކީވިލާތާއި އެމެރިކާއާއި ވިލާތުގެ އިއްތިޙާދުން ކަނޑައަޅާފައިވާ ތުރުކީވިލާތުގެ ކުރުދިސްތާނު ވޯކާސް ޕާޓީ، ޕީކޭކޭގެ ސޫރިޔާ ގޮތްޕެވެ. ނަމަވެސް ވައިޕީޖީއަކީ ނިރުބަވެރި ޖަމާޢަތެއްކަމަށް އެމެރިކާއިން ނުދެކެއެވެ.
ވައިޕީޖީއަކީ ސޫރިޔާގެ އިރުއުތުރު ސަރަޙައްދުތަކުގައި އެމެރިކާގެ އެންމެ މުހިންމު ބައިވެރިޔާއެވެ. ނޭޓޯއާށް ނިޞްބަތްވާ އެމެރިކާއާއި ތުރުކީވިލާތުގެ ދެމެދުގައި އޮންނަ ޚާރިޖީ ގުޅުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ އެމެރިކާއާއި ވައިޕީޖީއާ ދެމެދު އޮންނަ ގުޅުމެވެ.