ޚަބަރު

ދަޢުލަތް ހިންގުން ނާކާމިޔާބުވެފައިވާ ވިދާޅުވެ ލުބުނާނުގެ ޚާރިޖީ ވަޒީރު އިސްތިޢުފާ ދެއްވައިފި


ލުބުނާނުގެ ޚަރިޖީ ވަޒީރުގެ މަޤާމުން ނާޞިފު ޔޫސުފު ޙިއްތީ އިސްތިޢުފާ ދެއްވައިފިއެވެ.

މަޤާމުން އިސްތިޢުފާ ދެއްވުމަށް ލުބުނާނުގެ ބޮޑުވަޒީރު ޙަސަން ދިޔާބަށް ފޮނުއްވި ސިޓީގައި ޙިއްތީ ވިދާޅުވީ ހެޔޮ ބަދަލުތަކެއް ޤައުމަށް ގެނައުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭކަމަށާއި އޭގެ ސަބަބުން ދަޢުލަތް ހިންގުން ނާކާމިޔާބުވުން އެކަށީގެންވާކަމަށެވެ. އޭނާ ވިދާޅުވީ ޚާރިޖީ ވަޒީރުކަން އޭނާ ކުރެއްވީ ޤައުމަށް ޚިދުމަތްކުރުމުގެ މަޤުޞަދުގައިކަމަށެވެ. ނަމަވެސް ޤައުމުގެ ބައިބައިވުން ބޮޑުކަމާއި ސަރުކާރުގެ އިސްވެރިންގެ އަމިއްލަ އެދުންތައް ބޮޑުކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޤައުމުގެ ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ސިޔާސީވެރިން އެއްގަލަކަށް ނާރައިފިނަމަ ޤައުމު ޙަލާކުގެ ތެރެއަށް ވެއްޓޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިސްތިޢުފާގެ ސިޓީގައި ޙިއްތީ ވިދާޅުވީ ކުރިމަގުގައި ޤައުމު ދަތުރުކުރާނެ މިޞްރާބެއް ސަރުކާރުން ކަނޑައަޅާފައިނުވާކަމަށާއި އޭގެ ސަބަބުން ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤައުމަށް ގެނައުމަށް އެދޭ ހެޔޮ ބަދަލުތައް ނުގެނެވޭނެކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދަޢުލަތް ހިންގުން ނާކާމިޔާބުވާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރާއި ހިޒްބުﷲ ޖަމާޢަތާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އެހެން ޢަރަބި ޤައުމުތަކާ ލުބުނާނާ ދެމެދު ކުރިން އޮތް ވަރުގަދަ ގުޅުމަށްވަނީ ހިޔަނިއެޅިފައެވެ. ބޮޑުވަޒީރު ދިޔާބުގެ ސަރުކާރަށް ވާގިވެރިވާ ހިޒްބުﷲއަށްވެސް ޙިއްތީގެ ސިޓީގައި ނުސީދާގޮތަކަށްވަނީ ފާޑުވިދާޅުވެފައެވެ. އަދި ޢަރަބި ޤައުމުތަކާއެކު ލުބުނާނުން އޮންނަ ގުޅުން ވަރުގަދަ ކުރަންޖެހޭކަމަށް ޙިއްތީވަނީ ފާހަގަކުރައްވާފައެވެ.

ޙިއްތީ އިސްތިޢުފާ ދެއްވުމުން ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސް މިޝެލް އައުނާއި ބޮޑުވަޒީރު ދިއާބު ޢައްޔަނުކުރެއްވީ ޚާރިޖީ މުޝީރެއްކަމަށްވާ ޝާބެލް ވަހުބީއެވެ.