ދުނިޔޭގެ ވިޔަފާރި

އެޕަލްގެ އުފެއްދުންތައް ޗައިނާގައި މަނާކޮށްފާނެ!


އެޕަލްގެ އުފެއްދުންތައް ޗައިނާގައި ވިއްކުން މަނާކޮށްފާނެކަމުގެ ބިރު ހީވެއްޖެއެވެ.

އެޕަލްގެ އުފެއްދުންތައް ޗައިނާގައި މަނާކޮށްފާނެކަމުގެ ބިރު ހީވެފައިވަނީ، އެކުންފުންޏާ ދެކޮޅަށް ޗައިނާގައި އުފުލި ދައުވާއަކާ ގުޅިގެނެވެ.

އެޕަލްއާ ދެކޮޅަށް ދައުވާ އުފުލާފައިވަނީ ޗައިނާގެ ޝަންހާއީ ޒިހެން އިންޓެލިޖެންޓް ނެޓްވޯކް ނަމަކަށް ކިޔާ ޗައިނާގެ އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ތަރައްޤީކުރާ ކުންފުންޏަކުންނެވެ. އެކުންފުނިން އެޕަލްއާ ދެކޮޅަށް ދައުވާކުރަނީ އެކުންފުންޏަށް ޚާއްސަކޮށްފައިވާ މަސައްކަތެއް އެޕަލްއިން ކުރިއަށްގެންދާކަމަށް ބުނެއެވެ. މިގޮތުން ޗައިނާގައި ވާޗުއަލް ވޮއިސް އެސިސްޓަންޓްއެއް ތަރައްޤީކޮށް، ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ ހަމައެކަނި ޝަންހާއީ ޒިހެން ކުންފުންޏަށެވެ.

އެކުންފުނިން އެޕަލްއާ ދެކޮޅަށް ދައުވާކުރާ މައިގަނޑު ސަބަބަކީ އެޕަލްގެ އުފެއްދުންތަކުގައި ބޭނުންކުރާ ވޮއިސް އެސިސްޓަންޓް "ސިރީ"އަކީ ޝަންހާއީ ޒިހެން ކުންފުންޏަށް ދީފައިވާ ޕެޓެންޓް ހުއްދައާ ފުށުއަރާ ޓެކްނޮލޮޖީއަކަށްވުމެވެ. އެހެންކަމުން ޗައިނާގެ ކުންފުނިން ވަނީ ބަދަލެއްގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް ދައުވާކޮށްފައެވެ.

އެޕަލްއާ ދެކޮޅަށް ކޮށްފައިވާ ދައުވާގައި ބަދަލު ހޯދުމުގެ އިތުރުން، ޝަންހާއީ ޒިހެންއަށް ދީފައިވާ ޕެޓެންޓް ހުއްދައާ ޚިލާފުވާ އެޕަލްގެ އުފެއްދުންތައް ޗައިނާގައި އުފެއްދުމާއި، ވިއްކުން މަނާކުރުމަށްވެސް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި މެކް ކޮމްޕިއުޓަރ، އައިފޯނު، އައިޕެޑް، އެޕަލް ވޮޗް، އެޕަލް ޓީވީ އަދި ސްމާޓް ސްޕީކަރ ހިމެނެއެވެ.

ޗައިނާއަކީ އެޕަލްގެ އެންމެ ބޮޑު ފޮރިން މާކެޓަށްވާއިރު، މިދައުވާ ނިމޭގޮތަކުން ޗައިނާގައި އެޕަލްގެ އުފެއްދުން ވިއްކުން މަނާކޮށްފާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ޗައިނާގައި އެޕަލްގެ އުފެއްދުންތައް މަނާކުރުމަށް މަސައްކަތް ފަށާފައިމިވަނީ، އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގާ ވިޔަފާރީގެ ހަނގުރާމަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ވިޔަފާރީގެ ހަނގުރާމައިގެ އެންމެ ބޮޑު އަމާޒަކަށް ޓެކްނޮލޮޖީ ކުންފުނިތައް ވެފައިވާއިރު، އެމެރިކާއިން ދަނީ ޗައިނާގެ ގިނަ ކުންފުނިތަކަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ.