ޚަބަރު

އެއްމަހުގެ ކުއްޖަކު ކޯވިޑް-19 ޕޮޒިޓިވްވެއްޖެ


އެއްމަހުގެ ތުއްތު ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ކުޑަކުދިންގެ ޚާއްސަ ޑރ.އަޙްމަދު ފައިސަލް ކުރެއވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ޕޮޒިޓިވްވި ތުއްތު ކުއްޖާގެ ޙާލު ދެރަކަމަށެވެ. އެގޮތުން އެކުއްޖާގެ ހުން ވަރަށް މަތީގައި ހުރިކަން ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ. އަދި ކުއްޖާއަށް ގާތުން ދިނުމުގައިވެސް މައްސަލަތައް ކުރިމަތިވެފައިވާކަން ފާހަގަކުރައްވާ ޑރ.ފައިސަލް ވިދާޅުވީ ކުއްޖާ ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައިވާކަމަށެވެ.

މިބައްޔަށް ރާއްޖޭގައި ކުޑަކުދިން ޕޮޒިޓިވްވަމުންދިޔަނަމަވެސް އެކުދިންގެ ޙާލު ޢާއްމުގޮތެއްގައި ރަނގަޅުކަން ޑރ. ފައިސަލް ފާހަގަކުރައްވައެވެ. މިބަލީގައި ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ޢުމުރުން ދުވަސްވީ މީހުންނާއި ދާއިމީކޮށް ބޮޑު ބައްޔަކަށް ބޭސްކުރަމުން އަންނަ މީހުން ހިމެނެއެވެ. ރާއްޖޭގައި ޕޮޒިޓިވްވަމުން އަންނަ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިބަލީގައި ރާއްޖެއިން ވޭތުވެދިޔަ 3 ދުވަސްތެރޭގައި 3 ދިވެހިންވަނީ ނިޔާވެފައެވެ.

ކޯވިޑްގެ ބިރު ބޮޑުވުމާއި ގުޅިގެން ޑރ.ފައިސަލްވަނީ ރައްކާތެރިކަން އިސްކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ކޯވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެފައިވާއިރު ބޮޑު އީދުބަންދަށްފަހު ސަރުކާރު އޮފީސްތައް ހުޅުވަން މިއަދު އޮތްނަމަވެސް މިމަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް އޮފީސްތައް ނުހުޅުވާގޮތަށް ސަރުކާރުންވަނީ ނިންމާފައެވެ. އެންމެ ބޮޑަށް މިބިރުވެރިކަން އޮތީ މާލޭގައިކަމަށްވާތީ އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ކުރިއަށް އޮތް 2 ހަފްތާއަށް މާލޭގެ ސްކޫލްތައްވެސް ބަންދުކޮށްފައެވެ.