ވިޔަފާރި

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހިންގޭނީ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން


އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ފުރިހަމައަށް ހިންގޭނީ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ނިމުމުން ކަމަށް މިފްކޯއިން ހާމަކޮށްފިއެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ތަރައްޤީކޮށްފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ބޭނުންކުރަމުން ދަނީ ރޯމަސް ގަނެ ފިނިކުރުމަށެވެ.

މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ މަސް ކާރުހާނާއިން މަސްގަނެ ފިނި ކުރުމުގެ މަސައްކަތް ކުރަމުން ދިޔަނަމަވެސް، ބަނދަރާއި ކައިރިކުރުމުގައި ދޯނިތަކަށް ގިނަ ދަތިތަކެއް ހުރި ކަމަށެވެ. އެގޮތުން ނެރު ފުންކުރަން ޖެހިފައިވާކަމަށް ފައުޒީ ވިދާޅުވިއެވެ.

" ހުޅުމީދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ފިޝަރީޒް ކޮމްޕްލެސްގެ ހިމެނޭ ސަރަޙައްދުގެ ނެރުވެސް ފުންކުރާގޮތަށް އޮތީ، މިމަސައްކަތް ސަރުކާރުންވަނީ އެމްޓީސީސީ އާއި ހަވާލުކޮށްފައި، 280 ދުވަސް ތެރޭ މަސައްކަތް ނިމޭނެ ކަމަށް މި ލަފާކުރަނީ،" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ ބަނދަރަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކުރެވިގެން ދިޔުމުން މަސްވެރިންނަށް ގިނަ ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި އެތަނުން ގަންނަ މަސް، ވެލިއު އެޑްކުރުމަށްފަހު ބާޒާރަށް ނެރުމަށް ވަނީ ރާވާފައެެވެ. އަދި ޕްލޭންއާއި އެއްގޮތަށް ކަންތައްތައް ކުރިއަށް ގެންދެވިއްޖެނަމަ އެ އަމާޒްވެސް ހާސިލްވާނެކަމަށް ފައުޒީ ވިދާޅުވިއެވެ.

2016 ވަނަ އަހަރު މަސައްކަތް ފެށި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަކީ 7 މިލިއަން ޑޮލަރު ހަރަދުކޮށްގެން ގާއިމުކޮށްފައިވާ ތަނެކެވެ. އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަކީ 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓިއަކާއެކު ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ. އަދި އެތަނުގައި 50 ޓަނުގެ އައިސް ޕްލާންޓަކާއި 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން އެއްފަހަރާ ރައްކާ ކުރުމުގެ ޤާބިލްކަން ހުރެއެވެ.