ޚަބަރު

ފައިވާނާއި، ބޫޓާއި ހުސްގޯނިތަކެއްގެ ވެރިފަރާތް ހޯދަނީ


ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން 3 ވަނަ ދުވަހާއި ހަމައަށް އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނުނު ތަކެތިކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައެވެ.

ވެރިފަރާތް ހޯދަން އިއުލާންކުރި ތަކެތި

- ޓީ ޖެޓީ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 270 ހުސް ގޯނި. ( އޮގަސްޓް 01 )
- އައިޖީއެމްއެޗް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 4 ފައިވާން. ( އޮގަސްޓް 02 )
- ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދަބަހަކާއި، ފައިވާނަކާއި 2 ބޫޓު. ( އޮގަސްޓް 02 )
- ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސްޓޭންޑް ފަންކާއަކާއި، ހެލްމެޓަކާއި، 4 ޖީންސް. ( އޮގަސްޓް 02 )
- ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 10 ޓޯޗު. ( އޮގަސްޓް 03 )

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅާ ކާކުކަން އެނގޭނެ ލިޔުމަކާއެކު ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ތަކެތި ހަވާލުކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

މިހަކަށް އައިސް މާލޭގެ އެކި ގޭގައި ހުރި ފައިވާންތަކާއި، ބޫޓުތަކާއި މޯބައިލްފޯނާއި އަގުބޮޑު އެހެންތަކެތި ވަގަން ނަގާ ވީޑިއޯތައް ސޯޝަލް މީޑިޔާގައި ދަނީ އާންމުކުރަމުންނެވެ. އަދި މިފަދަ ބައެއް މައްސަކަތަކުގައި ބައެއް މީހުން ހޯދުމަށް ފުލުހުންވަނީ އިއުލާންކޮށްފައެވެ.