ވިޔަފާރި

3 ޓެކުހެއްގެ ސުންގަޑި ހަމަވާތީ މީރާއިން މިއަދު ޙިދުމަތް ލިބޭނެ


ސަރުކާރު ބަންދުވިނަމަވެސް 3 ޓެކުހެއްގެ ސުންގަޑި މިއަދަށް ހަމަވާތީ މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ، މީރާއިން ޙިދުމަތް ލިބޭނެކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މިއަދަށް ސުންގަޑި ހަމަވާ 3 ޓެކުހަކީ ޖޫންމަހުގެ ގްރީން ޓެކްސްއާއި، ޖޫންމަހާއި މިއަހަރުގެ 2 ވަނަ ކުއަރޓަރުގެ ޖީއެސްޓީއާއި، 2019 ވަނަ އަހަރުގެ ބޭންކު ޕްރޮފިޓް ޓެކްސްއެވެ. މީރާއިން ބުނީ މި ޓެކްސްތައް ދެއްކުމަށް ޓެކްސް ދައްކާ ފަރާތްތަކަށް މިއަދު މީރާ ހުޅުވާފައި ހުންނާނެކަމަށެވެ.

ޓެކްސް ދައްކަން އައުމުގެ ކުރިން މީރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ މީރާ ނަންބަރު 1415 އަށް ގުޅައިގެން ޓޯކަން ނަގަންޖެހޭނެއެވެ. އަދި ޓޯކަން ނަގާ ހުރިހާ ފަރާތްތަކަށް ޙިދުމަތްދޭނެކަމަށް މީރާއިން ބުނެއެވެ.

ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން މީރާއިން މިހާރު ވަނީ އެ އޮތޯރިޓީން ދެމުންދާ ހުރިހާ ޙިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ. މިއާއިއެކު މީރާއަށް ދައްކަންޖެހޭ ހުރިހައި ޓެކުހަކާއި ފީތައް މިހާރު އޮންލައިންކޮށް ދައްކާލެވޭނެއެވެ.