ޚަބަރު

ކޯވިޑްގައި އަނެއްކާވެސް ދިވެއްސެއް ނިޔާވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ ޢުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 19ވަނަ މީހާއެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިއަދު 9:30ގައި ކަމަށެވެ. ކޯވިޑް-19ގައި މިއަދު ނިޔާވި މީހާއާއެކު، މިހާތަނަށް މި ބަލީގައި ރާއްޖެއިން 13 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ.

ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރީލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެކެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނަކާއި ފިރިހެނެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން، ޚާއްޞަކޮށް ދިވެހިންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ 5 ދުވަހު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 500 އަށްވުރެ މަތީގައެވެ. އަދި ކޮންޓެކްޓުންގެ ގޮތުގައި 4000 އަށްވުރެ ގިނަ މީހުން ވަނީ ފާހަނގަކުރެވިފައެވެ.