ތަޢުލީމު

ހަތަރު ވަނަ ފިޝްކޭމްޕް ހއ. ހޯރަފުށީގައި ފަށައިފި


މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން އިންތިޒާމްކޮށްގެން ބާއްވާ 4 ވަނަ ފިޝްކޭމްޕް ހއ. ހޯރަފުށީގައި ފަށައިފިއެވެ. ހއ. އަތޮޅު މަދަރުސާގައި މެރިންސައިންސް ކިޔަވާ 34 ދަރިވަރުންނާއިއެކު ކުރިއަށްގެންދާ މި ކޭމްޕް 5 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާނެއެވެ.ކޭމްޕް ފެށުމުގެ ގޮތުން އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އާދަމް މަނިކު ވިދާޅުވީ މި ކޭމްޕްގެ ތެރެއިން މެރިން ސައިންސްގެ ދާއިރާއިން ކުދިންނަށް ބޭނުންވާ ގިނަގުނަ މަޢުލޫމާތުތަކެއް ޕްރެކްޓިކަލް އާއިއެކު ކުރިއަށްގެންދާނެކަމަށެވެ. އެގޮތުން ލޭނުމަސްވެރިކަން ކުރާނެގޮތާއި ކަނޑުގެ އެކި ދިރުންތަކާއިގުޅޭ މަޢުލޫމާތު ދަރިވަރުންނަށް ޢަމަލީ ތަޖުރިބާއާއިއެކު ހިއްސާކުރެވޭނެކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.މީގެ އިތުރުން މި ކޭމްޕަކީ ދަރިވަރުންގެ ލައިފް ސްކިލްސް ޑިވެލޮޕްކުރުމަށް ވެސް މުހިންމު ކޭމްޕެއްކަން އާދަމް މަނިކު ފާހަގަ ކުރެއްވިއެވެ."މިޕްރޮގްރާމް ހިނގަމުން ދާއިރު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން މަސްވެރިކަން ހާއްސަކޮށް މިޒަމާނުގެ މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ލޭނުމަސްވެރިކަމުގައި އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކުރާނެގޮތް ދަރިވަރުން ތަޖުރިބާ ކުރާނެ، އެއީވެސް ހަމަ ކަނޑުމަތީގަ ދަތުރުގެ ތެރޭގަ ތަޖުރިބާ ކުރާނީ." އާދަމް މަނިކު ވިދާޅުވިއެވެ.މިނިސްޓްރީގެ ފަރާތުން މިހާތަނަށް މިފަދަ 3 ކޭމްޕެއް ބާއްވާފައި ވާއިރު އަތޮޅުތެރޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ބާއްވާ މިއީ މިފަދަ ފުރަތަމަ ކޭމްޕެވެ. އަދި މިއަހަރުގެ ފަހުކޮޅު، ދެކުނުގެ އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ މިފަދަ އިތުރު ކޭމްޕެއް ގއ. ވިލިނގިލީގައި ބޭއްވުމަށް ރާވާފައިވާކަމަށްވެސް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.