ވިޔަފާރި

ރިސޯޓު، ހޮޓާ އަދި ގެސްޓްހައުސްތަކުގެ ބިމު ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ކުޑަކޮށްފި


ޓުއަރިސްޓް ރިސޯޓު، ހޮޓާ އަދި ގެސްޓްހައުސްތަކުން ސަރުކާރަށް ދައްކަންޖެހޭ ބިމު ކުލި ނުދެއްކުމުން އަރާ ޖޫރިމަނާ ކުޑަކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްއިން މިގޮތަށް ނިންމާފައިވަނީ ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިމުގެ ކުލި ސަރުކާރަށް ދެއްކުމާބެހޭ ގަވާއިދަށް ގެނައި އިސްލާހުގެ ދަށުންނެވެ.

ޤަވާއިދުގައި ކުރިން އޮތް ގޮތުން ޓޫރިސްޓް ރިސޯޓު، ހޮޓާ، ގެސްޓްހައުސްއަކުން ސަރުކާރަށް ކުލި ދަށްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް، ނުދައްކާ އޮތް ކުލީގެ 0.5 އިންސައްތައިގެ ޖޫރިމަނާއެއް ދައްކަންޖެހޭނެއެވެ.

ނަމަވެސް މިހާރު މިޤަވާއިދަށް ގެނައި ބަދަލާއިއެކު ޓޫރިސްޓް ރިސޯޓު، ހޮޓާ، ގެސްޓްހައުސްތަކުން ސަރުކާރަށް ކުލި ދައްކަންޖެހޭ ތާރީހަށް ކުލި ނުދައްކައިފިނަމަ ނުދައްކައި އޮތް ކުލި ސަރުކާރަށް ދެއްކުމާއި ހަމަޔަށް ހިނގާ ކޮންމެ ދުވަހަކަށް، ޖޫރިމަނާގޮތުގައި ދައްކަން ޖެހޭނީ ކުލީގެ 0.0493 އިންސައްތައެވެ.

ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ބިމު ކުލީގެ ޖޫރިމަނާ ކުޑަކޮށްފައިވާއިރު، ސަރުކާރުން ދަނީ ފަތުރުވެރިންނަށް ޚިދުމަތް ދޭ އެކި ވިޔަފާރިތަކަށް ލުއި ދެމުންނެވެ. މިގޮތުން ރިސޯޓު ދައްކަންޖެހޭ ކުއްޔާއި އެހެނިހެން ފީތައް އަންނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ފަސް ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ވަނީ ނިންމާފަައެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ފަސްކޮށްދެއްވާ ކުލި އަނބުރާ ދައްކަންވާނީ 1 އަހަރުދުވަހުގެ މުއްދަތަށް ބަހާލައިގެން ކަމަށެވެ. އެގޮތުން، ކުލިދައްކަނީ ތިން މަހުން އެއްމަހު ނަމަ، ފަސްކޮށްދެއްވާފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 4 ކުއާޓަރއަށް ބަހާލައިގެންކަމަށެވެ. އަދި ކުލި ފަސްކޮށްދިން މުއްދަތަށް ޖޫރިމަނާއެއްވެސް ނުހިނގާނެއެވެ.