ޚަބަރު

ކޯވިޑް-19 : މިއޮތީ ތަފާތު މާސްކެއް، ދައްކާ ވާހަކަ ތަރުޖަމާކޮށްދޭ


މުޅި ދުނިޔެއަށް ފެތުރިފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް މާސްކް އެޅުމަކީ ކޮންމެހެން ބެނުންތެރި ކަމަކަށް ވެފައިވާ މިދަނޑިވަޅުގައި ޖަޕާންގެ ކުންފުންޏަކުން މިވަނީ މުޅިން އައު ވައްތަރެއްގެ މާސްކްއެއް އުފައްދާފައެވެ.

ޖަޕާންގެ "ޑޯނަޓް ރޮބޮޓިކްސް"ނަމަކަށް ކިޔާ ކުންފުންޏަކުން އުފެއްދި މާސްކްއަކީ އެ އަޅައިގެން އުޅޭއިރު މުޢާމަލާތް ކުރުމަށާއި ގައި ދުރުވެ އުޅުމަށް ފަސޭހަތަކެއް ލިއްބައިދޭގޮތަކަށް ޑިޒައިން ކޮށްފައިވާ ސްމާޓް މާސްކެކެވެ.

"ސީ ފޭސް"ސްމާޓް މާސްކްގެ ނަން ދީފައިވާ މި މާސްކްގެ އެހީގައި އެ އަޅައިގެން ހުންނަ މީހާ ވާހަކަދައްކާއިރު އޭނާގެ އަޑުގެ ވޮލިއުމް ހުންނަ މިންވަރު އިތުރުކޮށް އަދި ދަށްވެސް ކުރެވެއެވެ. މި މާސްކްގެ ސިސްޓަމުން ތަފާތު 8 ބަހެއް ތަރުޖަމާ ކުރުމުގެ ޤާބިލް ކަން ލިބިފައިވެއެވެ. މި ބަސްތަކުގެގެ ތެރޭގައި ޖަޕަނީސް، ޗައިނީސް، ކޮރެއަން ވިއަޓްނާމްސް، އިނގިރޭސި ، ސްޕެނިޝް އަދި ފްރެންޗް ބަސް ހިމެނެއެވެ.

މި ސްމާޓް މާސްކްގެ ކުރިމަތީގައި ނެވާލުމަށް ކަނޑާފައިވާ ޖާގައެއް ހުރެއެވެ. މި މާސްކްއަކީ ކޮރޯނާވައިރަހުން ރައްކާތެރިކަން ފޯރުކޮށްދޭ މާސްކެއް ނޫނެވެ. އެހެންނަމަވެސް މި މާސްކް ޑިޒައިންކޮށްފައިވަނީ ބަލިން ރައްކާތެރިވުމަށް ބޭނުންކުރާފަދަ މާސްކެއްގެ މަތިން އެޅުމަށްކަމަށް މާސްކް އުފެއްދި ކުންފުނީގެ ސީއީއޯ ޓައިސޫކް އޮނޯ ވަނީ ވިދާޅުވެފައެވެ. ހުދުކުލައިގެން ޕްލަސްޓިކާއި ސިލިކޯންއިން ހަދާފައިވަ މި ސްމާޓް މާސްކްގައި ހަރުކޮށްފައިވާ ކުޑަ މައިކްރޯފޯން އަކީ އެ މާސްކް އަޅާ މީހެއްގެ ސްމާޓް ފޯނާއި ބުލޫޓޫތްގެ ޒަރިއްޔާއިން ގުޅާލެވޭ މާސްކް މައިކްރޯފޯން އެކެވެ. އެހެން ބަސްތަކަށް ތަރުޖަމާ ކުރުމުގެ ޤާބިލުކަން މި މާސްކަށް ލިބިފައިވަނީ މިހެންވެއެވެ.

އެންމެ ފުރަތަމަ މި ތަރުޖަމާކުރުމުގެ ސްފްޓްވެއަރ ޑޯނަޓް ރޮބޮޓިކްސް އިން ޑިޒައިން ކޮށްފައިވަނީ ސިނަމޮން ނަމަކަށް ކިޔާ ރޮބޮޓަކަށެވެ. އެހެންނަމަވެސް ކޯވިޑް-19އާ ގުޅިގެން މި މަޝްރޫޢު މަޑުޖައްސާލުމަށްފަހު ކުންފުނީގެ އިންޖިނިއަރުން ނިންމާފައިވަނީ އެ ސޮފްޓްވެއަރ މާސްކް އެއްގައި ބޭނުން ކުރުމަށެވެ.

"ސީ ފޭސް"ސްމާޓް މާސްކްގައި ބޭނުން ކޮށްފައިވާ ތަރުޖަމާ ކުރުމުގެ ސްފްޓްވެއައަކީ އެންމެ ފުރަތަމަ ޓޯކިޔޯގެ ހަނެޑާ އެއަރޕޯޓްއަށް ދަތުރުކުރާ ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރޮބޯޓްސް އުފައްދަންވެގެން ފެށި ހަރަކާތެއްގެ ތެރެއިން އެފެއްދި ސޮފްޓްވެއަރ އެކެވެ.

މިކަން ކުރުމަށް އުފެއްދި ނަމޫނާ ރޮބޯޓްސް ތަކުގެ ތެރެއިން ސިނަމޮން ރޮބޯޓް އަކީ ފަތުރުވެރިންނަށް ބޭނުންތެރި މައުލޫމާތު ފޯރުކޮށްދީ އެއަރޕޯޓް ތެރޭގައި މަގު ދައްކާދޭން ޑިޒައިންކޮށްފައިވާ ރޯބޯޓެކެވެ. އަދި މި ރޮބޯޓްގެ ތަފާތު ޑިޒައިންއާއި ތަރުޖަމާ ކުރުމަށް ބޭނުން ކުރާ ސްފްޓްވެއަރ، އަޑުގަދަ މާހައުލު ތަކުގައި ވެސް ރަނގަޅަށް މަސައްކަތް ކުރާތީ ސިނަމޮން ރޮބޯޓް ވަނީ އޭގެ ވާދަވެރިންގެ މައްޗަށް ކުރި ހޯދާފައެވެ.

ޑޯނޮޓް ރޮބްޓިކްސްގެ ސީއީއޯ ވިދާޅުވާ ގޮތުންނަމަ މިމާސްކްގައި ބޭނުންކޮށްފައިވާ ސޮފްޓްވެއަރ އަކީ ގޫގުލް އޭޕީއައި އާއި އެހެނިހެން މަޝްހޫރު ޓެކްނޮލަޖީތަކަށްވުރެވެސް ޖަޕަނީސް ބަހަށް މޮޅު ސޮފްޓްވެއަރއެކެވެ. އެއީ މި ސޮފްޓްވެއަރ ޚާއްސަވެފައިވަނީ ޖަޕަނީސް ބަހަށް ކަމަށްވެފައި އެހެނިހެން ސޮފްޓްވެއަރތައް ތަރުޖަމާ ކުރުމުގައި ބޭނުން ކުރަނީ އިނގިރޭސި ބަސްކަމަށް ވާތީއެވެ.

ކޯވިޑް-19، އޭޝިއާ ބައްރަށް ފެތުރެން ފެށުމާއެކު ޑޯނަޓް ރޮބޮޓިކްސްއިން އެއަރޕޯޓަށް އުފައްދަމުންދިޔަ ސިނަމޮން ރޮބޮޓްގެ މަސައްކަތް މުޅިންހެން ހުއްޓުމަކަށް އައެވެ. އެއާއެކު ކުންފުނިން މަސައްކަތް ކުރީ ޕެންޑަމިކްއެއްގެ ތެރޭގައި ރަނގަޅަށް ވިކޭނެ ޕޮރޮޑަކްޓެއް އުފެއްދުމަށެވެ.

އެ ކުންފުނިން އަންދާޒާ ކުރާ ގޮތުގައި ޑިސެމްބަރު މަހުގެ ކުރިން މި މާސްކްތައް ޖަޕާންގައި ވިއްކެން ފެށޭ ވަރުވާނެއެވެ. މާސްކެއްގެ އަގު ހުންނާނީ 40އާއި 50 ޑޮލަރާ ދެމެދުގައެވެ. ތަރުޖަމާ ކުރުމަށް ބޭނުންކުރާ އެޕަށް ސަބްސްކުރައިބްކުރަން ބޭނުންވާނަމަ އިތުރު އަގެއް ދައްކަންޖެހެއެވެ. މާސްކް އެހެން ޤައުމުތަކަށް ލިބޭން ފަށާނީ 2021ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ކަމަށް ލަފާ ކުރެވޭކަމަށް އެ ކުންފުނިން ބުނެއެވެ. އެހެންނަމަވެސް އިނގިރޭސި ވިލާތާއި އެމެރިކާއިންވެސް ވަނީ މާސްކަށް ޝައުޤުވެރިކަން ފާޅުކޮށްފައިކަމަށް އެ ކުންފުނިން ބުނެއެވެ.

މި ސްމާޓް މާސްކްގެ ބުލޫޓޫތް ޗިޕާއި މާސްކް އަޅާ މީހާގެ ސްމާޓްފޯނާ 32 ފީޓް ދުރުން ގުޅާލެވެނޭއެވެ. އެ ކުންފުނީގެ ސީއީއޯގެ އުއްމީދަކީ މި މާސްކްގެ ސަބަބުން ގައި ދުރުވެ އުޅުމަށާއި އައު އާއްމު ހާލަތުގައި އުޅޭއިރު މުޢާމަލާތުކުރުމަށް އެތަކެއް ފަސޭހަތަކެއް ލިބިގެންދާނެއެވެ.