ކޯވިޑް-19 ޖެހިގެން އީރާނުން ކޮންމެ 7 މިނެޓަކުން މީހަކު މަރުވާކަމަށް އެޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއާ ހަވާލާދީ އިރާންގެ ސްޓޭޓް ޓީވީ ޗެނަލްއިން ރިޕޯޓްކޮށްފިއެވެ.
އެ ޤައުމުގެ ސިއްޙަތާބެހޭ ވުޒާރާއާ ޙަވާލާދީ ސްޓޭޓް ޓީވީ ޗެނަލުން ބުނީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ކޯވިޑް-19 ޖެހިގެން އެޤައުމުން 215 މީހަކު މަރުވެފައިވާކަމަށެވެ. މިއާއެކު އިރާނުން މިބަލީގައި މަރުވި މީހުންގެ ޖުމުލަ ޢަދަދުވަނީ 17405އަށް އަރާފައެވެ. އަދި އެޤައުމުގައި ބަލި ޖެހުނު މީހުންގެ ޖުމުލަ ޢަދަދު ވަނީ 312035 އަށް އަރާފައެވެ.
އެ ޤައުމުގެ ޤައުމީ ޓީވީ ޗެނަލުން ހާމަކުރާ ގޮތުގައި ވެރިރަށް ތެހެރާންގެ މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު މާސްކް ނާޅައި އެއްވެސް ވަރަކަށް ގައިދުރުކަމެއްނެތި އުޅެމުންދެއެވެ.
އީރާނުގައި ބަލިޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދުތަކުގެ ސައްޙަ ކަމާމެދު ބައެއް މީހުން ދަނީ ޝައްކު ކުރަމުންނެވެ. މިދިޔަ އޭޕްރީލް މަހުގެ ތެރޭ އީރާންގެ ޕާލިމަންޓްރީ ރިސަރޗް ސެންޓަރުން ނެރުނު ރިޕޯޓެއްގައި ބުނާގޮތުގައި އެ ޤައުމުގެ ހެލްތު މިނިސްޓްރީން ޢާއްމުކުރާ ޢަދަދުތަކަށްވުރެ ބަލި ޖެހޭ މީހުންގެ ޢަދަދު އެޤައުމުގައި ދެ ގުނަ އިތުރުވާނެއެވެ.
މި ދިރާސާ ރިޕޯޓުގައި ބުނާގޮތުގައި އެޤައުމުގައި ކޯވިޑް-19ގެ ހިސާބު ހަދަމުން ގެންދަނީ ހަމައެކަނި ހޮސްޕިޓަލުގައި މަރުވާ މީހުންނާއި ކޯވިޑް-19އަށް ޓެސްޓްކޮށް ޕޮޒިޓިވްވާ މީހުންގެ ޢަދަދަށް ބެލުމަށް ފަހުގައެވެ.
އީރާނުގައި ކޯވިޑް-19 ޖެހޭ މީހުންގެ އަދަދުތަކުގެ ސައްޙަކަމާމެދު ޚިޔާލު ތަފާތުވުންތަކެއް ހުރިއިރު ކޯވިޑް-19 ޖެހިގެން އެޤައުމުގައި މަރުވި މީހުންގެ އަދަދު އެޤައުމުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ބުނާ ވަރަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ އިތުރުކަމަށް ބީބީސީންވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް ޢިރާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ މިކަން ދޮގުކޮށްފައެވެ.
ކޯވިޑް-19އާ ގުޅިގެން އެ ޤައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިދިޔަ އޭޕްރީލް މަހުގެ މެދުތެރޭ ލުއި ދިނުމާއެކު ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިހާރު އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުން ބޯ ނުލަނބައިފިނަމަ ކުރިން ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަލުން އަޅަން ޖެހިދާނެކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. މިދިޔަ މަހުން ފެށިގެން އިރާނުގައި ވަނީ އާންމުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މާސްކް އެޅުން މަޖުބޫރުކޮށްފައެވެ.